މިދިޔަ މަހު ޓޫރިޒަމަށް 10.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ

މިދިޔަ މަސް ނިމުނު އިރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓް އިތުރުވެއްޖެ އެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ދިން މައުލޫމާތާއި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 93،786 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 726،515 އަށް އިތުރުވެފަ އެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ 51.3 ޕަސެންޓް ހިއްސާއާއެކު ޔޫރަޕްގެ ގައުމުތަކުންނެވެ. މިގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ ސަރަހައްދުން އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 372،388 އަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުންނާ އަޅާބަލާއިރު 16.3 ޕަސެންޓްގެ ކުރިއެރުމެކެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ 37.6 ޕަސެންޓްގެ ހިއްސާއަކާ އެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ސަރަހައްދުން ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 290،542 އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން 4.7 ޕަސެންޓްގެ ހިއްސާއަކާ އެކު ޖުމްލަ 34،234 ޓޫރިސްޓުން އައިއިރު މެދުއިރުމަތީގެ ގައުމުތަކުން 3.2 ޕަސެންޓްގެ ހިއްސާއާއެކު ޖުމްލަ 23،130 ޓޫރިސްޓުން އައިއިރު، އެފްރިކާ ސަރަހައްދުން 0.8 ޕަސެންޓް ހިއްސާއާ އެކު ޖުމްލަ 6،127 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ދިހަ މާކެޓަކީ ޗައިނާ (17.5 ޕަސެންޓް)، ޖަރުމަން (8.0 ޕަސެންޓް)، އިނގިރޭސިވިލާތް (7.9ޕަސެންޓް)، އިޓަލީ (7.8 ޕަސެންޓް)، އިންޑިއާ (5.7 ޕަސެންޓް)، ރަޝިއާ (5.3 ޕަސެންޓް)، ފަރަންސޭސިވިލާތް (4.2 ޕަސެންޓް)، އެމެރިކާ (2.8 ޕަސެންޓް)، ޖަޕާން (2.6 ޕަސެންޓް)، އަދި ސްވިޒަލޭންޑް (2.4 ޕަސެންޓް) އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު އެ މުއްދަތުގައި ދަށްވެފައި ވީނަމަވެސް ދެންހުރި މާކެޓްތަކުން ބޮޑެތި ކުރިއެރުން އައިސްފައިވެ އެވެ. އެ ގޮތުން ރަޝިއާއިން އެ މުއްދަތުގައި އައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރުވެފައިވާއިރު، ފްރާންސުން އައި ޓޫރިސްޓުންގެ އަދަދު 23 ޕަސެންޓް، އިޓަލީން އައި ޓޫރިސްޓުންގެ އަދަދު 18 ޕަސެންޓް އަދި އެމެރިކާ އިން އައި ޓޫރިސްޓުންގެ އަދަދު 12.5 ޕަސެންޓް، ޖަރުމަނުން 12.7 ޕަސެންޓް، އިނގިރޭސިވިލާތުން 11.2 ޕަސެންޓް އަދި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 9.5 ޕަސެންޓް އިތުރުވެފަ އެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 42،806 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،209 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ. އެ މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު 13.5 ޕަސެންޓް އިތުރުވެފައިވެ އެވެ.

މިދިޔަ މަހުގެ ނިޔަލަށް، ރާއްޖޭގެ ރިސޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 4،707،194 އެވެ. އަދި އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ޓޫރިސްޓަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.