މިދިޔަ މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި: ޓޫރިޒަމް

މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، ޖޫން މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ރިސޯޓްތަކުގެ އޮކިއުޕަންސީ ދަނީ ދަށްވަމުންނެވެ. އަހަރުގެ މެދުތެރެއަކީ އާއްމުކޮށް ރާއްޖޭގެ ޓޫރިޒަމް ދަށް ދުވަސްވަރެކެވެ.

މިދިޔަ މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ 43 ޕަސެންޓަށް ދަށްވި ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ 64 ޕަސެންޓްގައި ހުރުމަށްފަހު މެއި މަހު ވަނީ 50 ޕަސެންޓަށް ދަށްވެފަ އެވެ. އެކަމަކު ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ އޮކިއުޕަންސީ ހުރީ 63 ޕަސެންޓްގައި ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ ޓޫރިސްޓުން ރިސޯޓުތަކުގެ އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި އެ މުއްދަތުގައި އެވްރެޖްކޮށް ޓޫރިސްޓަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.

ޓޫރިސްޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި މިދިޔަ މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ 42،806 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،209 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ. އެ މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު 13.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ދިހަ ޕަސެންޓް އިތުރުވެފަ އެވެ.