ޕެންޝަން ފަންޑުން ގެދޮރު ގަތުމުގެ ގަވައިދު ހަދައިފި

ޕެންޝަން ފަންޑުގެ މެމްބަރުންނަށް ގެދޮރު ގަނެވޭ އުސޫލްތަކެއް ހިމެނޭ ގަވައިދެއް ހަދައި ޕެންޝަން އޮފީހުން މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.


"ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒްކުރުމުގެ ގަވައިދު"ގެ ނަމުގައި ޕެންޝަން އޮފީހުން ހެދި ގަވައިދުގައި ބުނެފައި ވަނީ އެ ގަވައިދު ހިނގާނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް)ގެ މެމްބަރުންނަށާއި އެ ގަވައިދުވާ ގޮތުގެ މަތިން އެ އޮފީހާ އެކު ސާވިސް ލެވެލް އެގްރިމަންޓް ހަދާ ފަރާތްތަކަށް ކަމަށެވެ.

އެ ގަވައިދުގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަކީ އެ ގަވައިދުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޝަރުތަކީ އެމްއާރުޕީއެސްގެ މެމްބަރަކަށްވުމެވެ. އަދި އޭގެ އިތުރުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ އެ މެމްބަރެއްގެ ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ފައިސާ ހުރި ފަރާތެއް ކަމަށްވުމާއި ރިޓަޔާމަންޓް ބެނިފިޓް ލިބެމުންދާ މީހެެއް ކަމުގައި ނުވުމާއި އުމުރުން 60 އަހަރުވެފައިވާ މީހަކަށް ނުވުމާއި 65 އަހަރުވުމުގެ ކުރިން ލޯނު ދައްކައި ޚަލާސްކުރެވޭ މީހަކަށް ވުމެވެ.

ޕެންޝަން ފަންޑުން ހެދި ގަވައިދުގައިވާ ގޮތުން ގެދޮރު ގަންނަން ދޫކޮށްފައިވާ ލޯނު ޑީފޯލްޓް ވެއްޖެ ނަމަ ލޯނު އަނބުރާ ހޯދުމަށް ފުރަތަމަ ވިއްކާލެވޭނީ ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ގެދޮރެވެ. އަދި ގެދޮރު ވިއްކާލައިގެން ލޯނުގެ އަދަދަށް ފައިސާ ހަމަނުވެއްޖެ ނަމަ އެ އަދަދު ހަމަކުރުމަށް ކޮލެޓަރަލައިޒްކުރި ފައިސާ އިން ދޫކުރެވޭނެ އެވެ. އަދި އެ ގަވައިދުގައިވާ ގޮތުން އެމްއާރުޕީއެސްގެ ދެ މެމްބަރަކު ގުޅިގެން ނުވަތަ އެއަށްވުރެ ގިނަ މެމްބަރުން ބައިވެރިވެގެން ވެސް ލޯނު ނެގިދާނެ އެވެ.

ޕެންޝަން އޮފީހުން ހެދި ގަވައިދުގައިވާ ގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަނެވޭނީ ދިރިއުޅުމުގެ ބޭނުމަށް އެކަންޏެވެ.