100 އެމްބީޕީއެސްގެ ސްޕީޑާ އެކު އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑު އަށް

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އުރީދޫން އައްޑު އަށް ތައާރަފް ކޮށްފި އެވެ.


އެ ކުންފުނިން ސުޕަނެޓް ތައާރަފްކޮށްފައި ވަނީ ސ. މަރަދޫ އަދި މަރަދޫ ފޭދު އަށެވެ. އުރީދޫން ބުނީ، އައްޑޫގެ އެހެނިހެން ރަށްތަކަށް ވެސް ވަރަށް އަވަހަށް އެ ހިދުމަތް ދޭނެ ކަމަށެވެ.

އުރީދޫން ބުނީ އައްޑު އަށް ސުޕަނެޓް ތައާރަފް ކުރުމުގެ އުފަލުގަ އާއި އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ވަރަށް ހާއްސަ އޮފާއެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އެ އޮފާގެ ދަށުން އަންނަ މަހުގެ 30 ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓްގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް، 13 މަސް ވަންދެން ޕެކޭޖުން 50 ޕަސެންޓްގެ ބޯނަސް ޖީބީ ލިބޭނެ އެވެ. އަދި އެ ދެ ރަށުގެ މީހުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، ސުޕަނެޓްގެ ހިދުމަތް ދިނުމަށް އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑުއަށް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

"އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްގީ ފޯރުކޮށްދިނުން. ފާއިތުވެ ދިޔަ ތޭރަ އަހަރު ތެރޭގައި، ދިވެހިރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވައި ދިނުމަށް އުރީދޫން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި،" އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފިކްސްޑް އިންޓަނެޓްގެ ލައިސަންސް އެ ކުންފުންޏަށް ލިބުމާ އެކު، އެންމެ ބޮޑު އެއް އަމާޒަކަށްވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ މީހަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި އެ މަސައްކަތުގެ ދަށުން، މަރަދޫ އަދި މަރަދޫ ފޭދު އަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ދޭއް އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދުގެ ސްޕީޑް ތަކުގައި، ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ ތަފާތު ޕެކޭޖްތައް އުރީދޫން ފޯރުކޮށްދެ އެވެ. އަދި މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ ގޮތަށް އޮޕްޓިމައިޒް ކޮށްފަ އެވެ.

އުރީދޫން ބުނީ އެ ހިދުމަތާ އެކު، މަރަދޫ އަދި މަރަދޫ ފޭދޫގެ މީހުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށެވެ. ސުޕަނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫން ވަނީ އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނަކާ އެކު ސުޕަނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ދީފަ އެވެ.

އެ ކުންފުނިން ބުނީ މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ އައްޑޫ ކޭބަލް ކޮމިއުނިކޭޝަނެވެ.