ޖުމްހޫރީ 50ގެ ހަނދާނީ ފައިސާފޮތި 1،500ރ. އަށް ވިއްކަން ފަށައިފި

ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ހަނދާނީ ފައިސާ ފޮތި ވިއްކަން ފަށައިފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ނެރެދެއްވި އެ ފައިސާފޮތި އެމްއެމްއޭ އިން ވިއްކަނީ 1،500ރ. އަށެވެ.

ރިހިން ހަދާފައިވާ 150 ރުފިޔާގެ މޫނުމަތީ އަގުގެ ފައިސާފޮތި ވަނީ ރަން ޕްލޭޓްކޮށްފަ އެވެ. ބަރުދަނުގައި 28.28 ގްރާމް ހުންނަ މީގެ ފައިސާފޮއްޗެއްގައި 925 އައުންސްގެ ރިހި ބޭނުންކޮށްފައިވެ އެވެ. އަދި މި ފައިސާފޮތީގެ ޑައިމީޓަރުގައި 38.61 މިލިމީޓަރު ހުރެ އެވެ.

މަރުކަޒީ ބޭންކުން ނެރުނު ފައިސާފޮތީގެ މޫނުމަތީގައި އިންނަނީ ޖުމްހޫރީ 50ގެ ލޯގޯ އެވެ. އަދި އަނެއް ފުށުގައި ދައުލަތުގެ ނިޝާނެވެ.