އައްޑު އަށް ދާ ސައުތު އެފްރިކާގެ ޓޫރިސްޓުންނަށް ޕެކޭޖްތަކެއް ހަދައިފި

ސައުތު އެފްރިކަން އެއާވޭސްގެ ޗާޓަރު ދަތުރުތައް ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމާ ދިމާކޮށް، އައްޑޫގައި ހިންގާ ރިސޯޓުތަކުން ސައުތު އެފްރިކާގެ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖްތަކެެއް ތައާރަފްކޮށްފި އެވެ.


ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް، ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށިގެން ކޮންމެ ހަފުތާއެއްގައި ސައުތު އެފްރިކާ އިން ގަމަށް ދަތުރެއް ބޭއްވުމަށް ނިންމާފައިވާ އެވެ. އެ ދަތުރުތަކުގައި އޭ 340 މަރުކާރުގެ މަތިންދާބޯޓު ބޭނުން ކުރަން ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު 300 އެއްހާ ޓޫރިސްޓުން ސައުތު އެފްރިކާ އިން އައްޑު އަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސައުތު އެފްރިކާ އިން ޓޫރިސްޓުންނަށް ވިއްކުމަށް އައްޑޫގައި ހިންގާ ސަންގްރިއްލާ ވިލިނގިލި ރިސޯޓާއި ހެރެތެރޭގައި ހިންގާ ކޭނަރީފް ރިސޯޓާއި ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުން ވެސް ޕެކޭޖްތަކެއް ހަދައިފަ އެވެ.

ސައުތު އެފްރިކާގެ ޓްރެވަލް އެޖެންޓެއް ކަމަށް ސްޓާ ލައިޓް ހޮލިޑޭސް އިން ވިއްކާ އެ ޕެކޭޖްގައި ހަތް ރޭ ހުރުމާއި ބެޑް އެންޑް ބްރެކްފާސްޓް އަދި 15 މިނެޓްގެ ސްޕީޑް ބޯޓު ޓްރާންސްފާގެ އިތުރުން ޓެކްސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އެޑް އޮންގެ ގޮތުގައި ހާފް ބޯޑު އަދި ފުލް ބޯޑު އަދި އޯލް އިންކްލޫސިވް އަދި ބިޒްނަސް ކްލާސް ޕެކޭޖްތައް ވެސް އިތުރުކުރެވެ އެވެ.

ޖޮހަނަސްބާގްގެ އޯ އާރު ޓެމްބޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރަށް ހޭދަވާނީ ހަތް ގަޑިއިރެވެ. ޓޫރިޒަމްގެ ސީޒަނާ ދިމާކޮށް ކުރާ ޗާޓަރު ދަތުރުތަކުގައި ނޮވެމްބަރު 24ން ފެށިގެން ޖެނުއަރީ 12 އާ ދެމެދު އަށް ދަތުރުކުރަން ރާވާފައިވެ އެވެ.

ސ. ގަމަށް މި ވަގުތު ޝެޑިއުލް ދަތުރުކުރަނީ ހަމައެކަނި ސްރީލަންކަން އެއާލައިންސުންނެވެ. އައްޑޫގައި ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި އީކުއޭޓާ ވިލެޖުގެ އިތުރުން ޝަންގްރިއްލާ ރިސޯޓާއި ހެރަތެރަ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެ ސިޓީގެ ޓޫރިސްޓު ބެޑް ކެޕޭސިޓީ އަކީ މިހާރު 800 އެވެ.