ދިވެހި ބަހުން ހިދުމަތްތައް ހޯދޭނެ އެޕެއް އުރީދޫން ތައާރަފްކޮށްފި

ދިވެހި ބަހުން ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން އުރީދޫން މިއަދު ތައާރަފްކޮށްފި އެވެ.


ފުޅާ ދާއިރާއެއްގައި މޯލްބައިލް ހިދުމަތްދޭ ކުންފުނިން ބުނީ ދިވެހިންނަށް ފަސޭހައިން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ އެކި މަސައްކަތްތަކުގެ ދަށުން، ކޮންމެ ތަނެއްގައި ހުރެގެން އަދި ކޮންމެ ވަގުތެއްގައި ވެސް އަމިއްލައަށް ހިދުމަތް ހޯދުމަށް އުރީދޫގެ ކަސްޓަމަރުން ބޭނުންކުރާ މައި އުރީދޫ އެޕްގެ ދިވެހި ވާޝަން ތައާރަފްކުރީ، ދިވެހި ބަހުގެ އެކެޑެމީ އާ ގުޅިގެން ކަމަށެވެ.

އެ އެޕްލިކޭޝަން ތައާރަފްކުރުމަށް ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާގައި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުރީދުގެ ދިވެހި މޮބައިލް އެޕްލިކޭޝަން ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

"އާންމު ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ހިދުމަތްތަކުގެ ދައުރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، ފަސޭހަކަމާ އެކު އަމިއްލަ ބަހުން މި ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށް ވެސް މުހިއްމު ކަމެއް. އަޅުގަނޑުމެންގެ ހިދުމަތްތަކަކީ ކޮންމެ ދިވެއްސަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ހިދުމަތްތަކަށް ހެދުމުގެ ނިޔަތުގައި، މައި އުރީދޫ އެޕް ދިވެހި ބަހުން ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. މި މުހިއްމު މަސައްކަތަށް، ދިވެހިބަހުގެ އެކެޑެމީން ދެއްވާފައިވާ އެއްބާރުލުން ފާހަގަކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ސީއީއޯ ނަޖީބް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ މައި އުރީދޫ އެޕް ޑިޒައިންކޮށްފައި ވަނީ ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ގަޑިއެއްގައި ވެސް އުރީދޫގެ ހިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށް ކަމަށެވެ. އަދި މި އެޕު މެދުވެރިކޮށް އެކައުންޓުގެ ބާކީ، ބޭނުން ކުރެވިފައިވާ މިންވަރު، އަދި ބިލުކުރެވިފައިވާ އަދަދު ހޯދުމާއި އެޑް-އޯންތައް އަދި އެހެނިހެން ހިދުމަތްތައް ހިޔާރުކުރުމާއި އުރީދޫގެ ބިލުތައް ބަލައި، ބިލު ދެއްކުމާއި ރާސްޓަސް މެދުވެރިކޮށް، ޕްރީޕެއިޑް އެކައުންޓަށް ފައިސާ އެޅުމާއި ވެދުން ޕޮއިންޓްތައް ބަލައި، ފައިދާހުރި ތަފާތު އެކި ކަންތައްތަކަށް ބޭނުންކުރުމާއި މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލައަށް ބޭނުންވާ ޕްލޭން ފަރުމާކޮށް ބޭނުންކުރެވެ އެވެ. އަދި އެހެން ކަސްޓަމަރުންނަށް ހަދިޔާކުރުމާއި ހިލޭ ގުޅޭ ނަމްބަރުތަކާއި ރީތި ޓިއުންސް ފަދަ ހިދުމަތްތައް އެކްޓިވޭޓް ކުރުން އަދި އުރީދޫން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކާއި، އޮފާތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން ވެސް ހިމެނެ އެވެ.

އުރީދުގެ ދިވެހި މޮބައިލް އެޕްލިކޭޝަން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީ އާއި އުރީދޫން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އުރީދޫ

އުރީދޫން ބުނީ ދިވެހި ބަހުން އުރީދޫ އެޕް ތައާރަފްކުރުމާ އެކު އެ ކުންފުނިން އުއްމީދު ކުރަނީ، މި ފަސޭހަ ހިދުމަތްތައް އަމިއްލަ ބަހުން އިތުރު ކަސްޓަމަރުންނަށް ތަޖުރިބާ ކުރުން ކަމަށެވެ. އަދި އެ ހާއްސަ ކުރިއެރުންތަކާ އެކު ތައާރަފްކޮށްފައިވާ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ޑައުންލޯޑްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައިއޯއެސް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، އެޕް ސްޓޯރު މެދުވެރިކޮށް ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ ޑިޖިޓަލް ރާއްޖެ އަކަށް އެއްބާރުލުންދީ، ޑިޖިޓަލް ހިދުމަތްތައް ދިވެހި ބަހުން ފޯރުކޮށްދިނުމަށް އުރީދޫގެ ޕާޓްނަރުންނާއި ދިވެހި ޑެވެލޮޕަރުންނާ އެކު އުރީދޫން މަސައްކަތް ކުރާނެ ކަމަށެވެ.