ބިސް، ފިޔާ، އަލުވި ގެންނަ ބޯޓުތައް ހުސްކުރުން ލަސްވާތީ ޝަކުވާ ކުރަނީ

އިންޑިއާ އިން ފިޔާ، އަލުވި، ބިސް އަދި ތަރުކާރީ ހިފައިގެން އަންނަ ބޯޓުތައް މާލޭ ބަނދަރަށް ހުސްކުރުން ލަސްވާ ކަމަށް ބުނެ ވިޔަފާރިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.


އިންޑިއާ އިން ގިނަ އަދަދަކަށް މުދާ ގެންނަ ކުންފުންޏެއްގެ އިސް ވެރިއަކު މިއަދު ވިދާޅުވީ ފިޔާ، އަލުވި އަދި ބިހުގެ އަގު އިންތިހާ އަށް އުފުލުމުގެ މައިގަނޑު ސަބަބަކީ ބޯޓުން މުދާ ބޭލުން ލަސްވުން ކަމަށެވެ.

"މުދާ ގެނަޔަސް ބޯޓެއް ހުސް ކުރަން އެބަ ނަގާ މަދުވެގެން ދެ ދުވަސް. އެ ތަނުގެ މަގަތު ފާލަމަށް ކައިރި ކުރެވެނީ ފަހަރަކު ބޯޓެއް. މިހާރު ވެސް ތިން ބޯޓު އެބަ އޮތް މުދާ ހުސް ނުކުރެވި ކިޔޫގައި،" އޭނާ ވިދާޅުވި އެވެ.

އެ ވިޔަފާރިވެރިޔާ ވިދާޅުވީ ފިޔަ އާއި ބިހުގެ އަގު ތިރިކުރެވޭނީ ބޯޓުން މުދާ ބޭލުން މިހާރަށް ވުރެ އަވަސް ކުރެވިގެން ކަމަށެވެ.

"އިންޑިއާ އިން އަންނަ ބޯޓުތަކަށް މާ ގިނަ އިން ނޭރުވޭ. އެ ގެންނަ އެތިކޮޅު ވެސް ބާލަން ދެތިން ދުވަސް ނަގަންޏާ ކިހިިނެއް އަގު ދަށް ވާނީ. ރެއަކު ވިއްސަކަށް ބަސްތާ ފިޔާ ބާލައިގެން މިކަން ކުރަންޏާ ހައްތަހާ އަގު ދާނީ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

މުދާ ބޭލުން ލަސްވާ ކަމަށް ވިޔަފާރިވެރިން ބުނި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލް އިން އެކަމާ އެއް ބަހެއް ނުވެ އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިއާ އިން މުދާ ގެންނަ ބޯޓެއް އެންމެ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި ހުސްކުރާ ކަމަށެވެ.

"މިދިޔަ އީދު ބަންދާ ގުޅިގެން އޮގަސްޓް 20، 21 މި ދެ ދުވަސް ބަންދުވާނެކަން ކުރިން އަންގާފައި އޮންނާނީ. ނަމަވެސް 22 ވަނަ ދުވަހު އަލުން މަސައްކަތް ފެށި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އިން މުދާ ހިފައިގެން އަންނަ ބޯޓުފަހަރު ކައިރިކުރާ މަގަމަތު ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީ މި ވަގުތު ކައިރި ކުރެވެނީ ފަހަރަކު އެންމެ ބޯޓަކަށް ކަމަށެވެ. އެ ތަނަށް މީގެ ކުރިން އެއް ފަހަރާ ދެ ބޯޓު ބަނދަރުކުރެވެ އެވެ.

"އަޅުގަނޑުމެން އިސްކަންދެން އަވަހަށް ކުނިވާ ޒާތުގެ މުދާ ހުންނަ ބޯޓުތައް އަވަހަށް ހުސްކުރަން. އެކަމަކު މި ވަގުތު ވެސް ތިން ބޯޓު ކިޔޫގައި އެބައޮތް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓުތަކުން މުދާ ހުސްކުރުން ލަސްވާ އެއް ސަބަބަކީ ޖަމްބޯ ބޭގްގައި ނުވަތަ ޕެލެޓްގައި ޖަހައިގެން ނުގެންނާތީ ކަމަށެވެ.

"ވަކިވަކި ކޭސްތައް ނުވަތަ ބަސްތާތަކުގައި ގެނެސް ބާލަންވީމަ ވަގުތު ނަގާ. އެހެންވެ އަޅުގަނޑުމެން އަންގާފައިވާނެ ޖަމްބޯގައި ނުވަތަ ޕެލެޓްގައި ޖަހައިގެން ގެންނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ އިން މުދާ ގެންނަ ބޯޓުތައް ހުސްކުރުން ލަސްވެފައިވާ އިރު، ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 900ރ. އަށް އަރައިފަ އެވެ. އަދި ބިސް ކޭހެއްގެ އަގު ވެސް ވަނީ 600ރ. އަށް އަރައިފަ އެވެ.