ބްރިޖް ހުޅުވާލުމާ އެކު ހުޅުމާލޭގެ ފެރީ ޓާމިނަލް "ފަޅުވެއްޖެ"

މީގެ ކުރިން، ހަފުތާ ބަންދުގައި ބާރުބޮޑުކޮށް އޮންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް އިއްޔެ އާއި މިއަދު ފެންނަނީ މުޅިން ތަފާތު ކޮށެވެ. މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް އާއި ހުޅުމާލޭގައި ހުންނަ ޓާމިނަލަކީ ހުކުރާއި ހޮނިހިރު ދުވަހު، މީހުން ގިނަވެގެން ގޮސް ނުކަތާ ވަރުވެފައި އޮންނަ ތަނަކަށް ވިޔަސް، ސިނަމާލެ ބްރިޖު އިއްޔެ އާންމުކޮށް ހުޅުވައިލުމާ އެކު މުޅިން އާ މަންޒަރެއް ކުރަހާލައިފި އެވެ. ދެ ޓާމިނަލުން ވެސް މި ދެ ދުވަހު ފެންނަނީ ފަޅުކަން ނޫން އެހެން ކަމެއް ނޫނެވެ.


ފެރީގައި އާންމުކޮށް 25 މިނިޓުން ހުޅުމާލެ އިން މާލެ އަށް ކުރާ ދަތުރު، ބްރިޖު ހުރަސްކޮށް 15 ވަރަކަށް މިނިޓަށް ހުޅުމާލެ އަށް ކުރެވޭ ގޮތް ވުމުން ގިނަ ބަޔަކު މިހާރު ދަތުރުކުރަނީ ބްރިޖުންނެވެ. ބްރިޖް، އާންމު ދަތުރުފަތުރަށް ހުޅުވައިފި ފަހުން ހުޅުމާލޭގެ ފެރީ ޓާމިނަލްތައް ފެންނަނީ ބިޒީކަން ކެނޑި، ގިނަ ގޮނޑިބަރިތައް ހުސްކޮށް އޮންނަ ތަނެވެ. މިއީ މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ސަރުކާރުން ގެނައި ބޮޑު އިންގިލާބުގެ ނަތީޖާ ކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ހާއްސަކޮށް، ހުޅުމާލޭގައި ދިރިއުޅޭ އަދި ކޮންމެ ދުވަހަކު މާލެ އަށް އެކި ބޭނުންތަކުގައި ދަތުރުކުރަން ޖެހޭ މީހުންނަށް، ބްރިޖް ހުޅުވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހަ އެކެވެ.

މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް އިއްޔެ ހަވީރު ފަޅުކޮށް.

"އަހަރެން މިއީ ކޮންމެ ދުވަހަކު ސައިކަލް ހިފައިގެން ދެކޮޅަށް ދަތުރުކުރާ މީހެއް. ނަމަވެސް މިރޭ ޓާމިނަލް ކައިރިން އައިރު އެތަން އޮތީ ފަޅު ތަނެއް ހެން. ބުރާސްފަތި ދުވަހުގެ ރޭ ފުރަން ގޮސް ޓާމިނަލްގައި ތިބި ކުދިންނާ ވަދާއީ ސަލާން ވެސް ކުރިން،" މާލޭގައި ފިހާރައެއް ހިންގާ ހުޅުމާލޭގައި ދިރިއުޅޭ މީހަކު ރޭ ބުންޏެވެ.

ހުޅުމާލެ-މާލެ ފެރީގެ ހިދުމަތްދޭ އެމްޓީސީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖް ހުޅުވާލުމާ އެކު ފެރީން ދަތުރުކުރާ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާއްމުކޮށް ހުކުރު ދުވަހު ކޮޅަކަށް 7،000 މީހުން ދަތުރު ކުރެ އެވެ. ނަމަވެސް އިއްޔެ ދަތުރުކުރީ 5،000 މީހުން ކަމަށް އެމްޓީސީސީން ބުންޏެވެ.

"މިވަގުތު ބްރިޖް ހިލޭ ހުޅުވާލާފައި އޮތުމުން ގިނަ ބަޔަކު ބޭނުންވާނެ ބްރިޖުން ދަތުރުކޮށްލަން. ނަމަވެސް ބްރިޖުން ފީ ނަގައި އަދި ބަހުން ވެސް ފީ ނަގަން ފެށުމުން އެނގެނީ އަސްލު ކިހާ ވަރެއްކަން މަދުވާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖް އިއްޔެ ހަވީރު އާއްމުންނަށް ހުޅުވާލުމުން އެތައް ބަޔަކު ދަތުރުކުރަން ކިޔޫގައި ހަދައިގެން.

އޭނާ ވިދާޅުވިގޮތުގައި، ސައިކަލް އުފުލާ ފެރީތައް އާއްމުކޮށް ހުކުރު ދުވަހު ފުލްކޮށް ދަތުރުކުރި ނަމަވެސް އިއްޔެ ގެންދިޔައީ ދެތިން ސައިކަލެވެ.

"އެކަމަކު އިއްޔެ ހަވީރު އެހާ ބޮޑަށް މީހުން މަދުވި ކަމަކަށް ނުދައްކާ. ގިނަ ދޯނިތައް އިއްޔެ ވެސް ފުރީ 90 ޕަސެންޓް ފުލްކޮށް،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ ފެރީން ދަތުރުކުރާ މީހުންގެ އަދަދު މިއަދު ވަރަށް ބޮޑަށް މަދުކަމަށް ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް ޝެޑިއުލާ އެއްގޮތަށް ހުރިހާ ފެރީތަކެއް ދަތުރުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"އާއްމުކޮށް ހޮނިހިރު ދުވަހު މާލެއިން ހުޅުމާލެއަށް ދާ މީހުން މަދުވާނެ. އެކަމަކު މިއަދު ހުޅުމާލެ އިން ވެސް ދަތުރުކުރާ މީހުން ވަރަށް މަދު،" އޭނާ ވިދާޅުވި އެވެ.