ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ތަޖުރިބާކާރު ޕްރިންސިޕަލެއް ހަމަޖައްސައިފި

އޭޝިޔާ ސަރަޙައްދުގައި ހުޅުވާ އެންމެ ފުރަތަމަ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި، ފިންލަންޑްގެ ތައުލީމީ ދާއިރާގެ ފުންނާބު އުސް ބޭކަނބަލެއް ކަމަށްވާ ޑރ. އައިޔާ ވަލަންނޭ ހަމަޖައްސައިފި އެވެ.


ޑރ. އައިޔާ އަކީ ފިނިޝް ޕްރިންސިޕަލުންގެ ތެރެއިން، ފިންލަންޑްގެ އިތުރުން ފިންލަންޑުން ބޭރު ސްކޫލެއްގައި ޕްރިންސިޕަލްގެ ވަޒީފާ އަދާކުރުމުގެ ތަޖުރިބާ ލިބިފައިވާ މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ. އެގޮތުން މެދުއިރުމަތީގައި ޕްރިންސިޕަލެއްގެ ގޮތުގައި ޑރ. އައިޔާ އަށް ލިބިފައިވާ ތަޖުރިބާގެ ސަބަބުން، އިސްލާމީ ގައުމެއްގައި ވަޒީފާ އަދާކުރުމަކީ ޑރ. އައިޔާއަށް އާ ކަމަކަށް ނުވާނެ އެވެ.

ތައުލީމީ ދާއިރާގެ އިސް މަގާމުތަކުގެ 23 އަހަރުގެ ތަޖުރިބާ ހުރި ޑރ. އައިޔާ ވަނީ ޔުނިވާސިޓީ އޮފް ޔުވަސްކީލާ، ފިންލަންޑް އިން ތައުލީމީ ދާއިރާއިން ޕީއެޗްޑީ ޙާސިލްކޮށްފަ އެވެ. އަދި ޑރ. އައިޔާ ވަނީ އަބޫ ދާބީގެ އަލް-ރަގިޔާ ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގައި ހަ އަހަރަށް ވުރެ ގިނަ ދުވަހު، އަދި ފިންލަންޑްގެ ރޮވަނީމީގެ ޕަރިންހަރޫ ސްކޫލްގެ ޕްރިންޕަލްގެ މަގާމުގައި 8 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން، ފިންލަންޑްގެ ޔުނިވާސިޓީ އޮފް ލަޕްލަންޑްގެ ޓީޗާ ޓްރެއިނިން ސްކޫލްގެ އެޑްމިނިސްޓްރޭޓިވް ޕްރިންސިޕަލްގެ ގޮތުގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޑރ. އައިޔާ މަސައްކަތްކޮށްފައިވެ އެވެ. މި ސްކޫލަކީ މުދައްރިސުން ތަމްރީނުކުރުމަށް ހާއްސަކޮށް ފިންލަންޑްގައި އެންމެ ނަންކުރާ އެއް ސްކޫލެވެ. އެގޮތުން ޑރ. އައިޔާ ވެފައި ވަނީ ފިންލަންޑްގައި އިސް ގަދަރެއް ދެވިފައިވާ ތައުލީމީ ދާއިރާގައި ގިނަ ބަޔަކު ދަންނަ މޫނަކަށެވެ.

ޕްރިންސިޕަލަކަށް ވުމުގެ ކުރިން، ފިންލަންޑްގައި ޑރ. އައިޔާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، އަޑުއަހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. އެގޮތުން، މި ދާއިރާގައި ޑރ. އައިޔާ 13 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން، ޑރ. އައިޔާ ވަނީ މާސްޓާސް މޭޖާ އިން އެޑިޔުކޭޝަން ސައިންސަސް އަދި މައިނާސް އިން ސްޕެޝަލް އެޑިޔުކޭޝަން، އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން އެންޑް ސައިކޮލޮޖީ، އަދި ޑިޕްލޮމާ އޮފް ސްޕެޝަލް ޓީޗާ ސްޓަޑީސް ވިތް މޭޖާ އިން ސްޕެޝަލައިޒޭޝަން ސްޓަޑީސް ފޯ ޓީޗިން ޑެފް އެންޑް ޑިސްފޭޒިކް ޗިލްޑްރަން އިން ތައުލީމު ހާސިލްކޮށްފަ އެވެ.

ސްކޫލްތަކުގައި ޑރ. އައިޔާ ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން، ޑރ. އައިޔާ ވަނީ "އެޑަޕްޓިން އެންޑް އިމްޕެލެމެންޓިން ފިނިޝް އެޑިޔުކޭޝަން އެޕްރޯޗް އައުޓްސައިޑް އޮފް ފިންލަންޑް އިން މިޑަލް އީސްޓް" ގެ ނަމުގައި ކަރުދާހެއް ލިޔެ، އިންޓަނޭޝަނަލް ޖާނަލް އޮފް ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސަސްގައި ޕަބްލިޝްކޮށްފަ އެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ ބެހޭ ގޮތުން ޑރ. އައިޔާ ވިދާޅުވި ގޮތުގައި މިއީ ފިންލަންޑްގެ ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް، ވަރަށް ހާއްސަ އެއްޗެއް އުފަންކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ކިޔެވުމަކީ ކުރާ ހިތުންކުރާ ކަމެއް ގޮތުގައިވުން. އެގޮތުން މިކަން ކުރެވޭނީ، ފިނިޝް ކަރިކިއުލަމް ކިޔަވައިދިނުމުގައި، ކުއްޖާއަށް ކިޔަވައިދިނުމުގެ ނިޒާމު އަމާޒުކޮށް، ޓީމް-ޓީޗިން ފަދަ އުކުޅުތައް ބޭނުންކޮށްގެން،" ފިންލަންޑް އިންޓަނޭޝަން ސްކޫލް މޯލްޑިވްސްގެ ބެލެނިވެރިންނަށް އަމާޒުކޮށް، ޑރ. އައިޔާ ދެއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ޑރ. އައިޔާ އައްޔަންކުރުމާ ގުޅޭގޮތުން، އައިލެންޑާސް އެޑިޔުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެޑިޔު ކަނެކްޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ އަންނަ އަހަރު ސްކޫލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގައި މަސައްކަތްކުރުމަށް، ރަސްމީގޮތުން ޑރ. އައިޔާ ރާއްޖެއަށް އަންނަ މަހުގެ މެދުތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސްގެ ޕްރިންސިޕަލްގެ އިތުރުން، އައިލަންޑާސް އެޑިޔުކޭޝަން އަދި އެޑިޔު ކަނެކްޓްގެ ސީނިއާ މެނޭޖްމަންޓްގެ މެމްބަރެއްގެ ގޮތުގައި ޑރ. އައިޔާ މަސައްކަތް ކުރާނެކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ފިންލަންޑްގައި އެތައް އަހަރެއް ވަންދެން މަސައްކަތްކޮށް، ތަޖުރިބާ ހުރި މިފަދަ ބޭފުޅަކާ އެކު މަސައްކަތްކުރަން ލިބުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ ފަޚުރެއް،" އަދްލީ ވިދާޅުވި އެވެ.

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު، މާލޭގެ ޑްރީމް ކެމްޕަސްގައި، ގްރޭޑް 1 ން 5 ށް ކިޔަވައިދޭ ގޮތަށެވެ. އެގޮތުން، މި ސްކޫލްގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޑިޔު ކަނެކްޓުން ބުނި ގޮތުގައި ގްރޭޑް 1، 3، އަދި 4 ގެ ޖާގަތައް މިހާރު ވެސް ފުރިފައި ވާއިރު، ގްރޭޑް 2 އަދި 5 ގައި ބާކީ ހުރި މަދު ޖާގަތަކަށް ރަޖިސްޓްރީކުރުމަށް މި މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފުރިފައި ހުރި ގްރޭޑްތަކަށް ވެއިޓްލިސްޓް ކުރަމުން ދާކަމަށް ވެސް އެޑިޔުކަނެކްޓުން ބުންޏެވެ.