ހުޅުލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރާތުގައި 1.5 ޓަނުގެ ޕްލާސްޓިކް ނަގައިފި

ހުޅުލޭގެ ހުޅަނގު ފަރާތުގެ ތޮއްޓާއި ގޮނޑުދޮށް ސާފުކުރަން މިއަދު ހިންގި ބޮޑު ހަރަކާތުގައި 1.5 ޓަނުގެ ޕްލާސްޓިކް ނަގައިފި އެވެ.


ބައިނަލްއަގުވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގެ މުވައްޒަފުން ގުޅިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތުގައި ހުޅުލޭގެ ހުޅަނގު ފަރާތު ތޮއްޓާއި ގޮނޑުދޮށް ހިމެނޭ ގޮތަށް 1200 މީޓަރަށް ވުރެ ދިގު ސަރަހައްދެއް ވަނީ ސާފުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަ ހުޅުލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތާ ބެހޭ ގޮތުން ދިރާގުން ބުނީ އެ ހަރަކާތުގެ މައިގަޑު މަގުސަދަކީ މޫދަށް އުކާލެވޭ ޕްލާސްޓިކު ކުނި ތިމާވެށީގައި ހަލާކުނުވެ ހަރުލާފައި ހުންނަ ހުރުން ބައިވެރިންނަށް ތަޖުތިބާ ކުރެވި މުވައްޒަފުން ގުޅިގެން އެސަރަހައްދު ސާފުކޮށް، މައްސަލައިގެ ބޮޑުކަން މުޖުތަމަޢުއަށް ތަސައްވުރު ކުރުމެވެ.

ހުޅުލޭގެ ހުޅަނގުފަރާތު ގޮނޑުދޮށް ސާފުކުރަން މިއަދު ބޭއްވި ހަރަކާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (މ) އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ދިރާގު

އެ ކުންފުނިން ބުނީ އެ ހަރަކާތުގެ ދަށުން 1.5 ޓަނުގެ ޕްލާސްޓިކް ކުނި ނެގުމަށްފަހު، އެ ތަކެތި ކިރައި، ރީސައިކަލްކުރުމަށް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެމްއޭސީއެލްގެ ޑެޕިއުޓީ ޗީޕް އޮފިސަރު މުހައްމަދު ނިޔާޒު އަދި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝާހީނާ އަލީ ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތުގައި 200 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވި ކަމަށް ދިރާގުން ބުންޏެވެ. އޭގެ އިތުރުން ސެންޗޫރިއަން، ޑައިވާސް ލޮޖް، މޫދުބުޅާ، ޑައިވްޑެސްކް އަދި ޑައިވް ސްކޫލް ވޮލަންޓިއަރުން ވެސް އެ ހަރާތުގައި ބައިވެރިވި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި އަދި ވަކިން ހާއްސަކޮށް އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކް މަދުކުރުމަށް ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމައަށް ހޭލުންތެރިކަން އިތުރު ކުރުމަށް ދިރާގުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ ސަސްޓައިނަބަލް ޑިވެލެޕްމެންޓް ގޯލްސް، ލައިފް ބިލޯ ވޯޓާ އަދި ރެސްޕޮންސިބަލް ކޮންސަމްޕްޝަނަށް ދިރާގުން އެއްބާރުލުން ދެމުން ގެންދޭ. އަދި ޕާލޭ މޯލްޑިވްސް އާއި ގުޅިގެން "ފޮ ދަ އޯޝަންސް" ގެ ދަށުން ދިރާގުން މަސައްކަތް ކުރަމުންދޭ،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ހުޅުލޭގެ ހުޅަނގުފަރާތު ގޮނޑުދޮށް ސާފުކުރަން މިއަދު ބޭއްވި ހަރަކާތުގައި ދިރާގާއި އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް އިން ބައިވެރިވި. ފޮޓޯ: ދިރާގު

އެ ކުންފުނިން ބުނީ އެ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ، އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކާ މެދު ވިސްނާ މިފަދަ ޕްލާސްޓިކު ބޭނުން ކުރުން މަދު ކުރުމަށް އަމިއްލައަށް ހިތްވަރުލައި އަދި އުކާލާ ޕްލާސްޓިކް ވެސް އެއްލާލެވެނީ ކަނޑުތަކަށް ނުދާނޭ ގޮތަކަށްކަން ޔަގީން ކުރުމުގެ އާދަ އަށަގެނެވުމަށް ބާރުއެޅުމަށް ކަމަށެވެ.