ބަޖެޓްގައި އާ ސަރުކާރުގެ ސިޔާސަތު ހިމަނާނީ މަޖިލީހުން

އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓް މި މަހުގެ 30ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު، އާ ސަރުކާރުގެ ސިޔާސަތުތައް އެ ބަޖެޓްގައި ނުހިމެނޭނެ ކަމަށާއި އެ ސިޔާސަތުތައް ބަޖެޓްގައި ހިމަނާނީ މަޖިލީހުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އާ ސަރުކާރުގެ ސިޔާސަތުތައް ނުހިމަނާނެ ކަމަށެވެ. އަދި އާ ސަރުކާރުގެ ސިޔާސަތުތައް ބަޖެޓްގައި ހިމެނުމާ މެދު ގޮތެއް ނިންމަންވާނީ މަޖިލީހުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ ބަޖެޓް ތައްޔާރުކުރަމުން. އަދި ބަޖެޓް މަޖިލީހަށް ފޮނުވާނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު، ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ބަޖެޓް ފޮނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މީގެ ކުރިން ސަރުކާރު ބަދަލުވުމުން އަލަށް އަންނަ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ފަހަރުގެ ބަޖެޓް ހުށަހެޅުމުން އާ ސަރުކާރުގެ ސިޔާސަތުތައް އެ ބަޖެޓްގައި ހިމެނުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ބަޖެޓް މިމަހުގެ 30ގެ ކުރިން މަޖިލީހަށް ފޮނުވާނެ ކަމަށެވެ.