ގުޅުންތައް ބަދަހިކުރަން ކޮކާ ކޯލާގެ "ޝެއާ އަ ކޯކް" ރާއްޖޭގައި ކެމްޕެއިން ފަށައިފި

ގުޅުންތައް ބަދަހިކުރަން ހިތްވަރު ދިނުމަށް ކޮކާ ކޯލާ އިން ކުރިއަށް ގެންދާ، ޝެއާ އަ ކޯކް ކެމްޕޭން ރާއްޖޭގައި މިއަދު ލޯންޗުކޮށްފި އެވެ.


އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޮކާ ކޯލާއިން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ކެމްޕެއިންގެ ރާއްޖޭގެ ހަރަކާތް ފައްޓަވައިދެއްވީ، މިދިޔަ މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދިި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އެވެ.

ޝެއާ އަ ކޯކުގެ މަގުސަދަކީ ހަޔާތުގެ މުހިއްމު ބައިވެރިންނާއެކު ކޮކާ ކޯލާ ހިއްސާކޮށް، އުފާވެރިކަން ގެނެސްދިނުމެވެ. އެ ކެމްޕެއިނާއެކު ފުޅީގެ ލޭބަލްގައި 16 ޓެގެއް ވަނީ ރާއްޖޭގައި ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ބައްޕަ އާއި މަންމަ އާއި ގާތް ރަހުމަތްތެރިންގެ ނަން ހިމެނުމުގެ ފުރުސަތު ލިބެ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން "ޗެމްޕިއަންސް"ގެ ޓެގް ހާއްސަކޮށްފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ކޮކާ ކޯލާގެ ރީޖަނަލް މާކެޓިން މެނޭޖަރު އަމަރްނާތު ޑުޓަ ވިދާޅުވީ ޝެއާ އާ ކޯކް ކެމްޕެއިނަށް ދުނިޔޭގެ އެކި ގައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކެމްޕެއިން ރާއްޖެއަށް ތައާރަފުކޮށް، ގާތް މީހުންނާއެކު ހާއްސަ ވަގުތުތައް ހިއްސާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެއާ އަ ކޯކް އެންމެ ފުރަތަމަ ލޯންޗުކުރީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ކެމްޕެއިން ލޯންޗުކޮށްފައި ވެ އެވެ.