އިނގިރޭސި 50 ޕައުންޑުގެ ނޫޓަށް އާ މޫނެއް

އިނގިރޭސިވިލާތުގައި ބޭނުން ކުރަމުން އަންނަ 50 ޕައުންޑް ނޫޓަށް ބަދަލުތަކެއް ގެންނަ ނިންމައިފި އެވެ.


އެކަން އިއުލާން ކުރައްވަމުން އިނގިރޭސި މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލެންޑް ގަވަރުނަރު މާކް ކާނީ ވިދާޅުވީ 50 ޕައުންޑުގެ ނޫޓަށް ގެންނަ ބަދަލުތަގެ ތެރޭގައި އިނގިރޭސިވިލާތަށް އެކި ދާއިރާތަކުން އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންގެ ފޮޓޯ ހިމަނަން ނިންމާފައިވާ ކަމަށެވެ.

ދެހާސް އެގާރަ އިން ފެށިގެން ބޭނުން ކުރަމުން އަންނަ 50 ޕައުންޑްގެ ނޫޓްގައި ރާނީ އެލިޒަބަތާ އެކު ސްޓީމް ޕައޮނިއަރުން ކަމަށްވާ ޖޭމްސް ވޮޓް އާއި މެތިއު ބޯލްޓަންގެ ފޮޓޯ ހިމަނާފައިވެ އެވެ.

ނޫޓަށް ގެންނަ ބަދަލަށް ނަމެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު އާންމުންނަށް މިހާރު ވަނީ ދެ މަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލައިފަ އެވެ. ނޫޓަށް އިތުރު ކުރާނެ ޝަހުއްސިއްޔަތެއް ކަނޑައަޅާނީ ނޮމިނޭޓް ކުރާ ނަންތައް އިވެލުއޭޓް ކުރުމަށް ފަހު އެކަމަށް ކަނޑައަޅާ ކޮމީޓީއަކުންނެވެ.

އިނގިރޭސި މަރުކަޒީ ބޭންކްގެ ޓްވީޓެއް.

ނަންތައް ނޮމިނޭޓް ކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ހިސާބުގެ އިލްމު، އެސްޓްރޮނޮމީ، ބައޮލޮޖީ، ބައޮ-ޓެކްނޮލޮޖީ، ކެމިސްޓްރީ، އިންޖިނިއަރިން މެޑިކަލް ރިސާޗް، ފިޒިކްސް، ޓެކްނޮލޮޖީ އަދި ޒޫލޮޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.

ކާނީ ވިދާޅުވި ގޮތުގައި އިނގިރޭސި ނޫޓްތަކުގައި ޝަހުސިއްޔަތުންގެ ތަސްވީރު ހިމަނަން ޖެހޭ މައިގަނޑު ސަބަބަކީ އެފަދަ މީހުންގެ ހިދުމަތްތަކުގެ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަކޮށް، އެ މީހުންގެ ހަނދާންތައް އާ ކުރުމުގެ ބޭނުމުގަ އެވެ.

އިނގިރޭސި މަރުކަޒީ ބޭންކްގެ ޓްވީޓެއް.

"ގައުމަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދީފައިވާ ބޭބޭފުޅުން ދުވަހަވެސް އަހަރެމެން އިހުމާލުކޮށްލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 50 ޕައުންޑްގެ އާ ނޫޓްގައި ހިމަނައިފާނެ މީހުންގެ ތެރޭގައި ދާދި ފަހުން މަރުވި އިނގިރޭސިވިލާތަށް ނިސްބަތްވާ އަދި ދުނިޔޭގެ އެންމެ ވަރުގަދަ ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ސްޓެފެން ހޯކިން އާއި ކޯޑްބްރޭކާ އަދި ކޮމްޕިއުޓިން ޕައޮނީ އެލަން ޓިއުރިން އާއި ހިސާބުގެ އިލްމުވެރިޔާ އެޑާ ލަވްލޭޒް އަދި މެޑިކަލް ރިސާޗަރު ޑރ. ރޮޒެލިންޑް ފްރޭންކްލިން ހިމެނެ އެވެ.

ބޭންކް އޮފް އިންގްލެންޑް އިން ބުނި ގޮތުގައި 50 ޕައުންޑްގެ އާ ނޫޓް ނެރޭނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އަދި އާ ނޫޓްގައި ސޮއި ކުރައްވާނީ މަރުކަޒީ ބޭންކްގެ އާ ޗީފް ކޭޝިއަރު ސާރާ ޖޯން އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިހާރު ބޭނުން ކުރާ 50 ޕައުންޑްގެ 330 މިލިއަން ނޫޓް (16.5 ބިލިއަން ޕައުންޑް) ވިޔަފާރީގެ މުއާމަލާތްތަކުގައި އަންނަނީ ދައުރު ކުރެވެމުންނެވެ.

ދެހާސް ވިހީގައި 20 ޕައުންޑްގެ އާ ނޫޓެއް ވެސް ނެރެން ވަނީ ނިންމައިފަ އެވެ.