ލޯންލީ ޕްލެނެޓްގެ އެންމެ އަގުހެޔޮ ޑެސްޓިނޭޝަންގެ ތެރޭގައި ރާއްޖެ

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ގައިޑް މަޖައްލާ، 'ލޯންލީ ޕްލެނެޓް'ގެ އަންނަ އަހަރު ދަތުރު ކުރަން އެންމެ އަގުހެޔޮ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.


ލޯންލީ ޕްލެނެޓްގެ ވެބްސައިޓުން ޝާއިއު ކޮށްފައިވާ ގޮތުން އެންމެ އަގުހެޔޮކޮށް ދަތުރުކޮށްލެވޭ ގައުމުތަކުގެ ތެރޭގައި އެއްވަނަ ހޯދާފައި ވަނީ މިސްރުގެ ނައިލް ވެލީ އެވެ. އަދި ރާއްޖެ އަށް ލިބިފައި ވަނީ ހަތަރު ވަނަ އެވެ.

ލޯންލީ ޕްލެނެޓް ބެސްޓް ޑެސްޓީނޭޝަން 2019 ގަދަ 10 ގެ ލިސްޓުގައި ހިމެނޭ ތަންތަން:

1. ދެކުނު ނައިލް ވެލީ 2. ލުޑްޒް، ޕޮލެންޑް 3. ގްރޭޓް ސްމޯކީ މައުންޓަންސް، އެމެރިކާ 4. ދިވެހިރާއްޖެ 5. ހިޔުސްޓަން، އެމެރިކާ 6. އާޖަންޓީނާ 7. ބަންގްލަދޭޝް 8. އެލްބޭނިއާ 9. އިކުއިޑޯ 10. ސްލޮވޭނިއާ

ރާއްޖޭގެ ގެސްޓް ހައުސް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ މަޖައްލާއިން ބުނެއެވެ. އެގޮތުން އަގުބޮޑު ރިސޯޓްތަކުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުން ގެސްޓް ހައުސްގައި ތިބުމުން ޖީބަށް ލުއިވެ، ރާއްޖޭގެ ސަގާފީ ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ލޯންލީ ޕްލެނެޓުން ބުނެއެވެ.

މައިގަނޑު ގޮތެއްގައި ރެޔަކަށް 90 ޑޮލަރަށް (1،387 ރުފިޔާ) ފެންވަރު ރަނގަޅު ގެސްޓް ހައުސްއެއްގައި ހުރުމުގެ ފުރުސަތު ލިބޭ ކަމަށް އެ މައްޖަލާއިން ފާހަގަކޮށްފައި ވެއެވެ. ލޯންލީ ޕްލެނެޓުން ބުނާ ގޮތުގައި ރާއްޖޭގައި އަތް ފޯރާ ހިސާބުގައި ޓޫރިޒަމް ހިންގުމުގައި މިހާރު އެންމެ ކުރީގައި އުޅެނީ މާފުށި، ރަސްދޫ، ތޮއްޑޫ އަދި ދިގުރަށް ފަދަ ރަށްތައް ކަމަށް ބުންޏެވެ.