ޗައިނާއިން ވިޔަފާރީގައި އަދިވެސް ގެންގުޅެނީ އިންސާފުވެރި އުސޫލުތަކެއް ނޫން: އެމެރިކާ

ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކަށް ތަބާވުމުގައި ޗައިނާ ފެއިލް ވެފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.


އެމެރިކާގެ ސަރުކާރުން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ އުސޫލުތަކާ ހިލާފު ވެފައިވާ ކަމަށެވެ.

އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވްސް އިން ނެރެފައިވާ މި ރިޕޯޓުގައި މިގޮތަށް ހާމަކޮށްފައިވާއިރު، އާޖެންޓީނާގައި ބާއްވާ ޖީ20 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޑްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންދާނީ މި މަހުގެ 30 ވަނަ ދުވަހޗު އެވެ.

މިފަދަ ރިޕޯޓެއް އެމެރިކާއިން ނެރެފައި ވަނީ ޗައިނާގައި ކުރިއަށް ގެންދިޔަ ވިޔަފާރީގެ މުއާމަލާތްތަކުގެ ހާއްސަ ތަހުގީގު ތަކަކަށް ފަހު އެވެ. އެގޮތުން، އިންޓެލެކްޗުއަލް ޕްރޮޕަޓީތައް އަދި ޓެކްނޮލޮޖީގެ ޚިދުމަތްތައް ހޯދުމުގައި ބައެއް ޓެކްސްތައް އެމެރިކާގެ ކުންފުނިތަކަށް އިންތިހާއަށް ބޮޑު ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. މި ކަންކަން އިސްލާހު ކުރެވޭނީ ވިޔަފާރިތައް މޮނިޓާކޮށް، ބެލެހެއްޓޭނެ ނިޒާމު ހަރުދަނާ ކޮށްގެން ކަމަށް ރިޕޯޓުގައި ވެ އެވެ.

ބޭރުގެ ކުންފުނިތަކަށް ޗައިނާގައި ވިޔަފާރިތައް ކުރުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަށް ބަލައި ނުގަނެވޭނެ ކަމަށް އެމެރިކާއިން ބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ އަރައިރުމުގައި، ޗައިނާގެ މުދަލުން ނަގާ ޓެރިފް އެމެރިކާއިން ވަނީ މިހާތަނަށް ތިން ފަހަރަށް ބޮޑުކޮށްފަ އެވެ. އެގޮތުން، ޓެރިފްގެ އަދަދު 250 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާ އެކު، ޗައިނާއިން ވެސް ވަނީ އެމެރިކާ އިން އެތެރެކުރާ ތަކެތިން ނަގާ ޓެކްސްގެ އަގުތައް ބޮޑުކޮށްފަ އެވެ. ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގައި ޗައިނާއިން ވެސް ވަނީ އެމެރިކާ އިން އެތެރެކުރާ 110 ބިލިއަން ޑޮލަރުގެ އަގަށް ވާ މުދަލުން ޓެކްސް ބޮޑުކޮށްފަ އެވެ.