ވާވޭގެ އިކުއިޕްމެންޓް ބޭނުން ނުކުރުމަށް އެމެރިކާއިން ގޮވާލައިފި

ދުނިޔޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި، ވާވޭގެ އިކުއިޕްމެންޓް ބޭނުން ނުކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ.


ޗައިނާގެ ކުންފުނި ވާވޭގެ އިކުއިޕްމެންޓްތައް ބޭނުން ނުކުރުމަށް ގޮވާލާފައިވަނީ އެ ކުންފުނީގެ ތަކެތީގައި ސެކިއުރިޓީ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތުކޮށެވެ. އެމެރިކާއިން ދަނީ އެމެރިކާއާ ގާތް ގުޅުން އޮންނަ ގައުމުތަކަށް ހާއްސަކޮށް އެމެރިކާގެ މިލިޓަރީ ބޭސްތައް ހުންނަ ގައުމުތަކުގައި ވާވޭގެ އިކުއިޕްމެންޓްތައް ބޭނުންކޮށްގެން ވަޔަލެސް އާއި އިންޓަނެޓް ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެމެރިކާގެ ސިއްރު މައުލޫމާތުތައް ފޮނުވުމުގައި ބޭނުން ކުރަނީ ސެކިއުއަ ނުވަތަ ރައްކާތެރި ނެޓްވޯކްތަކެވެ. އަދި އެފަދަ މުއާމަލާތްތައް ހިންގުމަށް ޗައިނާ ކުންފުނިތަކުގެ ނެޓްވޯކްތަކަށް އެމެރިކާއިން އިތުބާރެއް ނުކުރެ އެވެ.

ޖަރުމަނުވިލާތާއި އިޓަލީ އާއި ޖަޕާނު ފަދަ ގައުމުތަކުން އަންނަނީ ވާވޭގެ އުފެއްދުންތައް ބޭނުން ކުރަމުންނެވެ. އެމެރިކާއިން އަންނަނީ އެ ގައުމުތަކުގެ އިސްވެރިންނާއި ޓެލެކޮމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް ވާވޭގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އެދެމުންނެވެ.

ވާވޭ އިން 5ޖީ ޓެކްނޮލޮޖީއަށް އަމާޒު ހިފާފައިވާ އިރު އެ ޓެކްނޮލޮޖީގެ ތެރެއިން ވެސް ނެޓްވޯކް އިތުރަށް ބަލިކަށިވެ، ސައިބައެޓޭކްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމެރިކާއިން ބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތް ދޭ 50 ކުންފުނީގެ ތެރޭގައި ހިމެނޭ ވާވޭ އިން ބުނީ އެ ކުންފުނީގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ އިކުއިޕްމެންޓްތަކަކީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ތަކެތި ކަމަށެވެ. އެ ކުންފުނިން އަންނަނީ ދުނިޔޭގެ 170 ގައުމެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެމެރިކާ ފަދަ ގައުމުތަކުން ވާވޭގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލަމުންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވާވޭ އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ޗައިނާ އާއި އެމެރިކާގެ ވިޔަފާރީގެ އަރައިރުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދެ ގައުމުން މުދާ އެތެރެ ކުރުމުގައި ޓެރިފްތައް ދަނީ ބޮޑުކުރަމުންނެވެ. ދެގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އާޖެންޓީނާގައި ބާއްވާ ޖީ20 ސަމިޓްގައި ބައްދަލުކުރެއްވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ޖީ20 ސަމިޓް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.