ޗައިނާގެ މުދަލުގެ ޓެރިފް 25 ޕަސެންޓަށް ބޮޑުކުރަން ޖެހިދާނެ: ޓްރަމްޕް

މުދަލުން ނަގާ ޓެކްސްއާ މެދު "ޑީލަކާ" ހަމައަށް ނުދެވިއްޖެ ނަމަ ޗައިނާގެ މުދަލުން އިތުރު 25 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.


އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ދެ ގައުމުން ބޮޑުކުރަމުން ދާ ޓެރިފްތަކާ މެދު އެއްބަސްވުންތަކަކަށް ދެވޭނެ ކަމާ މެދު މާ ބޮޑު އުންމީދެއް ނެތް ކަމަށެވެ.

އާޖެންޓީނާގައި އަންނަ ހުކުރު ދުވަހު ފަށާ ޖީ20 ސަމިޓްގެ ހަވާސާގައި ޓްރަމްޕާއި ޗާއިނާގެ ރައީސް ޝީ ޖިންފިން ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާއިން ބޭނުންވާ ކަންކަމާ މެދު އެއްބަސްނުވެވިއްޖެ ނަމަ އިމްޕޯޓް ޓެރިފްގެ އަގު 267 ބިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޗައިނާގައި އުފައްދައިގެން އެމެރިކާއަށް އެތެރެކުރާ އައިފޯނާއި ލެޕްޓޮޕާއި ކޮމްޕިއުޓަރުން ވެސް ޓެކްސް ބޮޑުކުރަން ވިސްނާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

އެމެރިކާއިން ޗާއިނާއަށް އެތެރެކުރާ މުދަލުން ޓެކްސް ބޮޑުކުރުމުގެ ސިޔާސަތާ ގުޅިގެން އެމެރިކާގެ ކުންފުނިތަކާއި ޗައިނާގެ ބޮޑެތި ވިޔަފާރިތައް ހިންގާ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑު ވެސް ކިޔަމުންނެވެ. ދެ ގައުމުގެ ދެމެދުގައި މިކަމާ މެދު މަޝްވަރާކުރަން ތާވަލްކޮށްފައިވާ ދަނޑިވަޅެއްގައި އެމެރިކާ ސަރުކާރުން މިފަދަ ވާހަކަތަކެއް ހާމަކުރުމުން އެ މަޝްވަރާތައް ކާމިޔާބު ވުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފެށި ވިޔަފާރީގެ ހަނގުރާމައިގައި ޗާއިނައަށް ވެސް ގެންދަނީ އެމެރިކާ އިން އެ ގައުމަށް އެތެރެކުރާ މުދަލުން ޓެކްސް ބޮޑުކުރަމުންނެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ