ޖީއެމް އިން ފެކްޓަރީ ބަންދުކުރާތީ ޓްރަމްޕް ކޯފާވެއްޖެ

އެއްގަމު އުޅަނދުފަހަރު އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ކުންފުނި ޖެނެރަލް މޮޓޯސް އިން އެމެރިކާގައި ހިންގާ ފެކްޓަރީ ބަންދުކުރަން ނިންމުމުން ރައީސް ޑޮނާލްޑް ޓްރަމްޕް ކޯފާވެއްޖެ އެވެ.


ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި އެ ކުންފުންޏަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ކަނޑާލާނެ ކަމަށެވެ. ޓަރަމްޕް މިހެން ވިދާޅުވި އިރު ކަނޑާލަނީ ކޮން ސަބްސިޑީއެއް ކަމެއް ހާމައެއްނުކުރައްވަ އެވެ.

ޖީއެމް އިން ވަނީ އެމެރިކާގެ އިތުރުން ކެނެޑާގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ ފެކްޓަރީ ވެސް ބަންދު ކުރަން ނިންމައިފަ އެވެ. މި ނިންމުމާ އެކު ދެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކުން ވަނީ ރުޅިގަދަވެފަ އެވެ.

"ޖީއެމްގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕަށް ސީދާ ރައްދު ނުދެއްވި ނަމަވެސް ޖީއެމް އިން ބުނީ އެ ކުންފުނީގެ ނިންމުމަކީ ދުރު ރާސްތާ ޕްލޭންގެ ބައެއް ކަމަށެވެ. ކުންފުނީގެ ފައިދާ ރަނގަޅުކުރުމުގެ އިތުރުން އެމެރިކާގައި ވަޒީފާގެ ފުރުސަތު ފަހިކުރުމަކީ ވެސް ކުންފުނީގެ އަމާޒެއް ކަމަށް ބުނެފައިވެ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުން އިންޑަސްޓްރިއަލް މަސައްކަތްތައް ފުޅާކުރަން ކުރިއަށް ގެންދަ މަސައްކަތްތައް އެ ކުންފުނިން ފާހަގަ ވެސް ކުރި އެވެ.

މުވައްޒަފުންގެ މުސާރައިން 15 ޕަސެންޓް ކުޑަކުރަން ވެސް ޖީއެމް އިން ނިންމާފައިވެ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ އަށް ފެކްޓްރީއެއް ބަންދުކުރާ އިރު އެމެރިކާއަށް އެކަނި ބެއްޔަސް އެއީ 14،000 ވަޒީފާ އެވެ. އޭގެ ތެރޭގައި ފެކްޓްރީތަކުގައި މަސައްކަތް ކުރާ 6،100 މީހުން ހިމެނެ އެވެ. މިގޮތަށް ނިންމާފައިވަނީ އެ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެންނެވެ. ހާއްސަކޮށް ކުންފުނީގެ ޗައިނާގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މާލީ ދަތިތަކުން އަރައިގަތުމަށް ޖީއެމް އިން މަސައްކަތް ފަށާފައިވާ އިރު ނުވިކޭ ބައެއް މޮޑެލްތައް އުފެއްދުން ހުއްޓާލަން ވެސް ވަނީ ނިންމައިފަ އެވެ.