ތިމާވެއްޓާ އެންމެ ރައްޓެހި ރިސޯޓް، ކުޑަދޫ އަންނަ މަހު ހުޅުވަނީ

ރާއްޖޭގެ އެންމެ ތިމާވެއްޓާ ރައްޓެހި ރިސޯޓްގެ ގޮތުގައި ކުޑަދޫ ތަރައްގީކޮށް، އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.


ހުރަވަޅިން ޅ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓް އަންނަ މަހު ހުޅުވާއިރު، އެތަން ރާއްޖޭގެ އެންމެ ތިމާވެއްޓާ ރައްޓެހި ތަނަކަށް ވެގެންދާއިރު، އެ ރިސޯޓް ރީތި ކުރަން ބޭނުން ކުރާނީ އެ ހިސާބުގައި ގުދުރަތީ ގޮތުން ހެދޭ ގަސްގަސް ކަމަށް އެ ރިސޯޓުން ބުންޏެވެ.

އެ ރިސޯޓު ތަރައްގީ ކޮށްފައިވަނީ ޖަޕާނުގެ ސްޓައިލަށް ޑިޒައިން ކޮށްފައިވާ 15 ވިލާ އާ އެކުގަ އެވެ. އެގޮތުން ކޮންމެ ވިލާއެއް ދެ ފަންގިފިލާ އަށް އިމާރާތް ކޮށްފައި ވާއިރު، އެ ހުރިހާ އިމާރާތެއްގެ ފުރާޅުގައި 984 ސޮލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. މި ސޯލާ ޕެނަލްތަކުގެ ފުރިހަމަ ބޭނުންކޮށް، ދުވާލެއްގެ މައްޗަށް 300 ކިލޯވޯޓުގެ ކަރަންޓު އުފައްދާ މުޅި ރިސޯޓަށް ކަރަންޓް ދެވޭނެ އެވެ.

ތިމާވެއްޓަށް ގެއްލުން ދެވޭ ޕްލާސްޓިކާއި، ކާބަން އެމިޝަން ވީހާ ވެސް ކުޑަ ކުރުމުގެ ގޮތުން އެ ރިސޯޓުގައި ބޭނުން ކުރާ ބޯފެނަކީ އަމިއްލަ އަށް ޑީސެލިނޭޓްކޮށް، ބިއްލޫރި ފުޅީގައި ބަންދު ކުރެވޭ ގޮތަށް ތައްޔާރު ކުރާ ފެނެކެވެ.

ހަމަ އެގޮތުން އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން ކުޑަދޫ ރިސޯޓުން ހޮޅި އާއި ބަދިގޭގެ ސާމާނު އެއްވެސް ޕްލާސްޓިކެއް ބޭނުން ނުކޮށް، ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ބަޔޯޑިގްރޭޑަބަލް ތަކެއްޗާއި، ކަނޑުގައި އުޅޭ ދިރޭ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުވާ ސާމާނު ވަނީ ބޭނުން ކުރުމެވެ.

ކާއެއްޗެހިން ކުރާ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކާއެއްޗެހި ހޯދުމުގެ ގޮތުން ވީހާ ވެސް ގިނައިން ރާއްޖެއިން ބާނާ މަހާ، ސީފުޑް ބޭނުން ކުރާނެ ކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

ކުޑަދޫ ރިސޯޓަކީ ހުރަވަޅިން ތަރައްގީ ކުރާ ތަނެކެވެ. އަދި މިހާރު އެ ރިސޯޓު ވަނީ އާކިޓެކްޗަރަލް ޑައިޖެސްޓުން 2019 ވަނަ އަހަރުގެ އެންމެ ރީތި ޑިޒައިންތަކުގެ ރިސޯޓުގެ ލިސްޓުގައި ހިމަނައިފަ އެވެ.