ޔޫއޭއީ ދަތުރުގައި ވެސް މާލީ އެހީ ހޯދަން މަޝްވަރާކުރަނީ

ދުބާއީއަށް ކުރައްވާ ދަތުރުގައި ވެސް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޔުނައިޓް އަރަބް އެމިރޭޓްސް އަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް ބޭނުންވާ ފަންޑު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދުގެ މި ދަތުރުގައި މިހާރަށް ވުރެ ފަސޭހައިން ދިވެހިންނަށް ޔޫއޭއީއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާ މެދު ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުތަކުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށެވެ. އިންޑިއާގެ ވެރިންނާ އެކު ވެސް ރާއްޖެ އިން ވަނީ ބަޖެޓް ސަޕޯޓަށާއި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މަޝްވަރާކުރައްވައިފަ އެވެ.