ވެމްކޯގެ 21.8 މިލިއަން ރުފިޔާގެ އާމްދަނީ ސައްހައެއް ނޫން!

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 2017 ވަނަ އަހަރު ލިބުނު 21.8 މިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.


އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރެފައިވާ ވެމްކޯގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 21.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކާ ކަަމަށެވެ. ނަމަވެސް އެ މައުލޫމާތުގެ ސައްހަ ކަން ކަށަވަރު ކުރެވިފައެއްނުވެ އެވެ.

މިކަމުގެ ސައްހަކަން ކަށަވަރު ނުކުރެވެނީ ކަސްޓަމަރުން ރަޖިސްޓްރީވެފައިވާ މައުލޫމާތުތައް ފުރިހަމަ އަށް އެ ކުންފުނިން ބަލަހައްޓާފައި ނުވާތީ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން މާލީ މުއާމަލާތްތަކުގެ ރެކޯޑް އެންމެ ފުރިހަމަ އަށް ވެމްކޯ އިން ބަލަހައްޓާފައެއް ނުވެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ފަސް މިލިއަން ރުފިޔާގެ ހަރު މުދަލުގެ ރަޖިސްޓްރީގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ. ވެމްކޯގެ އަހަރީ އާމްދަނީއާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް ސުވާލު އުފައްދާފައިވާ އިރު އެ ކުންފުނިން ލޭންޑިން ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކުރުމަށް މި އަހަރު އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.

އެގޮތުން ލޭންޑިން ކްރާފްޓްގެ އަގުގެ 30 ޕަސެންޓަށްވާ 3.9 މިލިއަން ރުފިޔާ ދޫކުރުމުގައި އެ ކުންފުނީގެ ޕޮލިސީއާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

މާލޭގެ ކުނި މެނޭޖްކުރުމަށް ވެމްކޯ އުފައްދާފައިވަނީ 2009 ވަނަ އަހަރު އެވެ. އަދި 2015 ވަނަ އަހަރު އެ ކުންފުނީގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އެ ކުންފުނީގެ މަސައްކަތްތައް ފެށި އެވެ. މާލޭ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ އިތުރަށް އައްޑު އާއި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ވެސް ކުރަނީ ވެމްކޯ އިންނެވެ.