ދައުލަތުގެ މާލީ ހާލަތު ހަފުތާއަކު އެއް ފަހަރު ހާމަކުރާނަން: ރައީސް

ކުރިއަށް އޮތް ހަފްތާއިން ފެށިގެން، ދައުލަތުގެ މާލީ ހާލަތު، ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ހާމަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ދިއްފުށީގައި، މިއަދު ވިދާޅުވެއްޖެ އެވެ.


ދިއްފުށީގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ހަލާތު ދެނެގަނެވި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވޭނެ ގޮތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފްތާއަކު އެއް ފަހަރު ގެންދިޔައީ ހާމަކުރަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގާނީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

"ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކާއި މުއްސަނދިކަން ދިވެހި މުޖުތަމައުގެ ތަރައްގީއަށާއި ރައްޔިތުންގެ މަންފާއަށް ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ވާޖިބު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ސަރުކާރުން ކުރަން ވައުދުވި ބައެއް ކަންކަން މިދިއަ ދެ ހަފްތާ ތެރޭގައި ވެސް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްތައް ކުރާނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެ ހަފްތާ ތެރޭގައި ބައެއް ކަންކަން މިހާރު ވަނީ ކުރަން ފަށާފައި. އެގޮތުން ގޮތް ނޭނގޭ ގޮތަށް ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ ކަންކަމުގެ ހަގީގަތް ދެނެގަތުގެ މަސައްކަތް ފަށައިގެން ކުރިއަށްދޭ،" ރައީސް ވިދާޅުވި އެވެ.