ނަސަންދުރަ އެގްރީމެންޓް އަލުން ދިރާސާކުރަނީ!

ނަސަންދުރަ ޕެލަސް ހޮޓަލާ އެކު ވެފައިވާ އެގްރީމެންޓް ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޓީމުން ބަލަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


"މިހާރަ"ށް މިނިސްޓަރު ވިދާޅުވީ، ނަސަންދުރަ އެގްރީމެންޓްގެ މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުން ކުރިއަށްގެންދާ ކަމަށެވެ. މި މައްސަލައަކީ އޭސީސީން ވެސް ބަލަމުންދާ މައްސަލައެއް ކަމުން މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުގެ ލަފައެއް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނަސަންދުރަ އެގްރީމެންޓާ ގުޅިގެން އޮޑިޓަ ޖެނެރަލް ހާމަކުރެއްވި މައުލޫމާތުތަކަށް ފުރިހަމައަށް އިހްތިރާމު ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް ލީގަލް ޓީމުން މިކަން އިތުރަށް ދިރާސާކުރަނީ އެކަމުގައި އަމަލު ކުރެވޭނެ ގޮތްތައް ބެލުމަށް ކަމަށެވެ.

މިހާރު 25 ބުރިއަށް ތަރައްގީ ކުރާ ނަސަންދުރަ ހުރި ބިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށެވެ. އަދި ލީސް އެގްރީމެންޓް ހެދިފައިވަނީ މިނިސްޓްރީގެ ބަހެއް ހޯދުމެއް ނެތި އެވެ. އަދި އެގްރީމެންޓްކޮށް ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލަ އެވެ.

ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އެ ބިމާ މެދު ގޮތެއް ނިންމަން އެދުނު ނަމަވެސް ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ މިހާރު ވެސް ކުރެވެމުންނެވެ. އެ އިމާރާތުގެ 15 ޝީޓު މިހާރު ވަނީ އަޅައިފަ އެވެ. ނަސަންދުރަ އަމިއްލަ ފަރާތަކަށްދީގެން ތަރައްގީ ކުރަން ފެށީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެ މަގާމުގައި ހުންނެވި އިރު އެވެ.

އޮޑިޓަ ޖެނެރަލް އޭރު ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.