ގެރެންޓީގެ މައުލޫމާތު އެމްއެމްއޭއާ ހިއްސާއެއް ނުކުރަން: ފިނޭންސް

ސޮވެރިން ގެރެންޓީގެ މައުލޫމާތު ހަމައެކަނި ހިއްސާކުރަނީ މަޖިލީހަށް ކަމަށާއި އެމައުލޫމާތު އެމްއެމްއޭއާ ހިއްސާކުރަން ނުޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސޮވެރިން ގެރެންޓީގެ މައުލޫމާތު ހާމަކުރަނީ މަޖިލީހަށް ކަމަށެވެ. ސޮވެރިން ގެރެންޓީ ދޫކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތު މަޖިލީހަށް ހާމަކުރާކަމަށް އެމިނިސްޓްރީން ބުނެ އެވެ. މި މައުލޫމާތުތަކަކީ އެމްއެމްއޭ އަށް ވަކިން ފޮނުވާ މައުލޫމާތެއް ނޫން ކަމަށާއި އެހެން ނަމަވެސް މިދިޔަ ނޮވެމްބަރު 7 ވަނަ ދުވަހު އެމްއެމްއޭ އަށް ސޮވެރިން ގެރެންޓީގެ މައުލޫމާތުތައް ފޮނުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެމްއެމްއޭއާ ހިއްސާކޮށްފައިވަނީ ހަމައެކަނި ސޮވެރިން ގެރެންޓީގެ ތެރެއިން ދޫކޮށްފައިވާ ފައިސާގެ ތަފްސީލު ކަމަށާއި ސޮވެރިން ގެރެންޓީދީފައިވާ މީހުންގެ އަދަދު ހާމަނުކުރާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

https://twitter.com/FinanceGovMv/status/1069556425414721538
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ޓްވީޓު

ފިނޭންސް މިނިސްޓްރީން މިހެން ބުނި އިރު މިއަދު ހެނދުނު އެމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިވަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސިރާޖު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ގެރެންޓީ ދިނުމުގައި ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި މިދިޔަ ސަރުކާރުން ގެރެންޓީ ދީފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ސޮވެރިން ގެރެންޓީ ދޭ އުސޫލެއް އޮންނާނެ. އުސޫލުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް ގެރެންޓީދީފައި ވަނީ. އަދި އެމްއެމްއޭ އަށް ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވަނީ. ސޮވެރިން ގެރެންޓީ އިޝޫ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން،" އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، ސޮވެރިން ގެރެންޓީ ދިނުމަށް ފަހު އެ މައުލޫމާތުތައް ވަކި ވަކިން އެމްއެމްއޭއާ ހިއްސާ ކުރަމުންދިޔަ ކަމަށެވެ.

ނަމަވެސް އެމްއެމްއޭ އިން ބުނީ ސަރުކާރުން ދޫކޮށްފައިވާ ސޮވަރިން ގެރެންޓީގެ މައުލޫމާތު ހޯދުމަށް ފިނޭންސަށް އޮކްޓޫބަރު 28، 2018 ގައި ފޮނުވި ސިޓީގެ ޖަވާބު ނޮވެމްބަރު 5، 2018 ގައި ދިން އިރު ވެސް ސޮވެރިން ގެރެންޓީދީފައިވާ ހުރިހާ މީހުންގެ ފުރިހަމަ މައުލޫމާތު އެ އޮތޯރިޓީ އަށް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް ކުރިމަގުގައި އެ މައުލޫމާތު ކުއާޓާލީކޮށް ދެއްވާނެ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.