ފޮޓޯއެއް ފޮނުވައިގެން ރެއިންބޯއިން ދޭ 'ޗާލު' ބަދިގޭގެ ނަސީބުވެރި ފަރާތް ހޮވައިފި

ގޭގައި ބޭނުން ކުރަމުންދާ ބަދިގޭގެ ފޮޓޯއެއް ފޮނުވައިގެން ރެއިންބޯއިން ހަދިޔާ ކުރާ ޗާލު ބަދިގެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.


ރެއިންބޯއިން ފެށި "ޗާލު ބަދިގެ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހޮވުނީ ޅ. ހިންނަވަރު، ފަސްމީރުގޭ އައިޝަތު ޝަބީނާ އެވެ. އަދި ނަސީބުވެރި ފަރާތަށް އިނާމް ހަވާލު ކޮށްދެއްވީ ރެއިންބޯ އެންޓަޕްރައިޒަސްގެ މެނޭޖިންގް ޑައިރެކްޓަ އިބްރާހިމް ރަފީގެވެ.

މި ޕްރޮމޯޝަން ސެޕްޓެމްބަރު 15، 2018 އިން ފެށިގެން އޮކްޓޯބަރު 16، 2018ގެ ނިޔަލަށް ކުރިޔަށް ދިޔައިރު 500 އަށް ވުރެ ގިނަ ބައިވެރިން އެ ވަގުތު ބޭނުން ކުރަމުން ދިޔަ ބަދިގޭގެ ފޮޓޯ ފޮނުވާފައި ވެއެވެ. އަދި ތިން ފަނޑިޔާރުން ހިމެނޭ ޕެނަލް އިން އެ ފޮޓޯތައް 150 ފޮޓޯއަށް މަދުކޮށް، އޭގެން ކްރައިޓީރިއާ ހަމަވާ 10 ފަރާތެއް ހޮވި ކަމަށް ފަނޑިޔާރުކަން ކުރެއްވި މަރިޔަމް ވަހީދާ ވިދާޅުވި އެވެ. އަދި އެ 10 ގެތަކުގެ ތެރެއިން ހަތް ގެޔަކަށް ޒިޔާރަތްކޮށް، އެ ބަދިގެ ތަކުގެ ވެރިންނާ ވާހަކަ ދެއްކި ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

ރެއިންބޯ ޗާލު ބަދިގޭގެ ނަސީބުވެރި ފަރާތާ އެކު ފަނޑިޔާރުންނާއި ނަސީބުވެރިޔާ | ފޮޓޯ: އަހުމަދު ނިޝާތު / މިހާރު

"މިއަދު ނަސީބުވެރި ފަރާތް ހޮވުމަށް ފަނޑިޔާރުކަން ކުރުމުގައި ރެއިންބޯގެ އެއްވެސް މުވައްޒަފަކު ބައިވެރިޔެއް ނުވޭ. އަދި އަޅުގަނޑުމެން އެއްވެސް ގޮތަކަށް މޭޒެއް ކައިރީ ތިބެގެން ޖަޖް ކުރީކީ ނޫން. ތިން ފަނޑިޔާރުން ހަތް ރަށެށްގެ ހަތް ގެޔަކަށް ގޮސް، އެ މީހުން ދިރިއުޅުމުގެ ހާލަތު ބެލިން،" ރޭ ރެއިންބޯ ލިވިން މޯލްގައި ކުލަގަދަކޮށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މަރީ ވިދާޅުވި އެވެ.

ރެއިންބޯ އެންޓަޕްރައިޒަސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް ވިދާޅުވި ނަސީބުވެރި ފަރާތް ބަދިގެ ފަރުމާ ކުރުމަށް ބޭނުން ކުލަ، މެޓީރިއަލް އަދި ޑިޒައިން ހިޔާރުކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި މިއީ ބަދިގެ އާކުރަން ބޭނުންވާ ފަރާތްތަކަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މި ސިލްސިލާގެ އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.