މިދިޔަ މަހު އިމްޕޯޓްކުރި މިންވަރު މަދުވި ނަމަވެސް އާމްދަނީ ހަ ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު މަދުވި ނަމަވެސް ލިބުނު އާމްދަނީ ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އިތުރުކުރި މުދަލުގެ މިންވަރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދެ ޕަސެންޓް ދަށްވެފައިވެ އެވެ. މިދިޔަ މަހު އިމްޕޯޓްކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކަސްޓަމްސްގެ ޑިއުޓީ އާއި ފީތަކާއި ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ މަހު ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 30 ޕަސެންޓް ދަށްވެފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކްސްޕޯޓްކޮށްފައި ވަނީ 143 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 204 މިލިއަން ރުފިޔާގެ މުދަލެވެ.