ގެއްލުންވި އާއިލާތަކަށް ދިރާގުން ދެ ލައްކަ ރުފިޔާގެ އެހީ ދީފި

އިއްޔެ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މާލެ އަށް މެދުކެނޑުމެއް ނެތި ވެހުނު ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، ހާލުގައި ޖެހުނު ރައްޔިތުންނަށް ދިރާގުން ދެ ލައްކަ ރުފިޔާ ދީފި އެވެ.


ދިރާގުން ބުނި ގޮތުގައި އިއްޔެ މާލޭގައި ފެންބޮޑުވެ ހާލުގައި ޖެހުނު އާއިލާތަކަށް އެހީ ވުމުގެ އިތުރުން އެ ފަރާތުން އިސް ނަގައިގެން ނެޝިނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރަށް އެމަޖެންސީ ހޮޓްލައިނެއް ވެސް ގާއިމްކޮށްދީފައި ވާނެ ކަމަށެވެ. ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ހާލުގައި ޖެހިއްޖެ ނަމަ އެ ހޮޓްލައިން (115) އަށް ވީހާ ވެސް އަވަހަށް ގުޅަން އިލްތިމާޒްކޮށްފަ އެވެ.

އިއްޔެ މާލޭގައި ފެންބޮޑުވެ އެހީ ވުމުގެ ހަރަކާތްތައް ކުރިޔަށް ދިޔަ ވަގުތު ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދާއި ދިރާގުގެ އިސްވެރިން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލު ކުރައްވާފަ އެވެ.

ހުޅަނގު މޫސުމާއި އިރުވައި މޫސުން ބަދަލުވާ ދުވަސްވަރު އާންމު ގޮތެއްގައި ބޯކޮށް ވާރެ ވެހުނު ކަމުގައި ވިޔަސް، އިއްޔެ މާލެއަށް ވާރޭ ވެހުނީ ރިކޯޑު މިންވަަރަކަށެވެ. އަދި ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެ، މުޅިޔަކު 160 އާއިލާ އަކަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ ހާލުގައި ޖެހުމުގެ ސަބަބުން ދެ އާއިލާއެއް ކަލާފާނު ސްކޫލަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި 20 ގެއަކަށް ފެން ވަދެ ގެއްލުންވި ނަމަވެސް، އެ ސްކޫލަށް ބަދަލުވާން އެއްބަސް ނުވާ އައިލާތައް ވެސް އުޅޭ ކަމަށް އެ ފަރާތުން ބުންޏެވެ.