ވާވޭ މޭޓް 20ގެ ފޯނުތަކަށް ދިރާގުން ޕްރީ އޯޑަ ނަގަން ފަށައިފި

ވާވޭއިން އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އާއި މޭޓް 20 ޕްރޯގެ ފޯނަށް ޕްރީ އޯޑަރު ނަގަން ދިރާގުން ފަށައިފި އެވެ.


ދިރާގުން ބުނި ގޮތުގައި އެ ދެ ފޯނަށް މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ބަލައިގަންނާނެ ކަމަށެވެ. އަދި މި ފޯނަށް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މަގުފަހިކޮށްދީފަ އެވެ. އެގޮތުން އިންސްޓޯލްމަންޓާއި، އެއްކޮށް ފައިސާ ދައްކައިއިގެން ގަތުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ދިރާގުން ވާވޭގެ ފޯނު ޕްރީއޯޑަރު ތައާރަފް ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އެ ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަހުގެ މުއްދަކަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ލިބެއެވެ.

ވާވޭއިން އަލަށް ތައާރަފް ކުރި މޭޓް 20 ދެ ކުލައެއްގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި މިޑްނައިޓް ބްލޫ އާއި ކަޅުކުލަ ހިމެނެ އެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާ އެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ލިބެން ހުންނާނެ އެވެ.

އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނެކެވެ. މި ފޯނަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ އެކުގަ އެވެ.