ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ޅ. ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ނައިފަރު ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި އެ އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނޭ މަގު ފަހިވެގެން ދާނެ ކަމަށެވެ.

މިރާގެ ކަލެކްޝަން ސެންޓަރު ގާއިމްކޮށްފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގަ އެވެ. އެ އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް މީރާ އިން ބުނެ އެވެ. އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާ މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ވަނީ ގާއިމްކޮށްފަ އެވެ. މީރާގެ ކަލެކްޝަން ސެންޓަރުތައް އިތުރު ކުރަމުންދާއިރު މީރާ މެދުވެރިކޮށް 895 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ. ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި މިހާތަނަށް 14.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.