ޗައިނާގައި އައިފޯން ވިއްކުން މަނާކޮށްފި

ބެއިޖިން (ޑިސެމްބަރު 13) - ޗައިނާގައި އައިފޯނު ވިއްކުން މަނާކޮށްފި އެވެ.


ޗައިނާގައި އައިފޯން މަނާކުރީ، ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް، ޓްރަމްޕް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޗައިނާ އިން ދެކޮޅުހަދައި، ބަދަލުހިފުމަކަށް ނޫނެވެ.

އެޕަލް އަކީ އެމެރިކާ ކުންފުންޏެކެވެ. އައިފޯނު އުފައްދަނީ އެޕަލް އިންނެވެ. ކުއަލްކޮމް އަކީ ވެސް އެމެރިކާ ކުންފުންޏެކެވެ. އައިފޯނުތަކުގައި ބޭނުންކުރާ މޯޑެމް އަދި އެފަދަ ވަޔަލެސް ބައިތައް ކުއަލްކޮމް އިން އުފައްދައިދެ އެވެ.

މިއީ ޗައިނާ އާއި އެމެރިކާގެ ގުޅުން ރަނގަޅު ދަޑިނޑިވަޅެއް ނޫނެވެ. އެމެރިކާ އިން އިގްތިސޯދީ ގޮތުން ޗައިނާ އަށް ޖެއްސުންކުރަމުން ދަނިކޮށް، ދެ ގައުމުގެ މެދުގައި ވަނީ ބޮޑު އެހެން މައްސަލަގަނޑެއް ވެސް ހިނގައިފަ އެވެ. ކެނެޑާ އިން ވަނީ، އެމެރިކާގެ އެދުމަކަށް، ޗައިނާގެ ވާވޭ ޓެލެކޮމިއުނިކޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު، މަންގް ވެންޒޫ ހައްޔަރުކޮށްފަ އެވެ. ޗައިނާގައި އައިފޯން ވިއްކުން ކޯޓުން މަނާކުރުން މިއޮތީ މި ހާލަތްތަކާ ދިމާވެފަ އެވެ.

އެޕަލް އައިފޯނުތައް ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ބޭނުންކޮށްފައި ހުރި ބައެއް "ފީޗާ"ތަކަކީ، ކުއަލްކޮމް ބުނާ ގޮތުގައި އެޕަލްގެ އުފެއްދުމެއް ނޫނެވެ. އެއީ ކުއަލްކޮމްގެ ފިކުރީ މުދަލެކެވެ. އެހެން ނަމަވެސް، އެ ފީޗާތައް ބޭނުންކުރުމުގައި ކުއަލްކޮމްގެ ހުއްދަ ހޯދައިފައި ނުވާ ކަމަށް ކުއަލްކޮމް ބުނެ އެވެ. އަދި އެކަމަށް ބޭނުންވާ އެއްވެސް ކަހަލަ ލައިސަންސެއް، ކުއަލްކޮމްގެ ކިބައިން އެޕަލް ހޯދާފައި ނުވާ ކަމަށް ވެ އެވެ.

ކުއަލްކޮމް އަށް މާލީ ގޮތުން އަދި އެ ނޫން ވެސް ގޮތަކުން އެޕަލްގެ ފަރާތުން ފައިދާއެއް ނުވާތީ އަދި ފިކުރީ މުދަލުން ވައްކަންނުކުރުމަށް ދިން ނަސޭހަތް ގަބޫލުކޮށްފައި ނުވާތީ، އައިފޯނުތަކުގެ ވަކި މޮޑެލްތަކެއް ޗައިނާގައި ވިއްކުން މަނާކޮށްދިނުމަށް އެދި ކުއަލްކޮމް އިން ޗައިނާ ކޯޓަށް ހުޅަހެޅި އެވެ. މިހާރު އެ އޮތީ، އެ ނޫން ގޮތަކަށް އަމަލުކުރަން އަންގަންދެން، ޗައިނާގައި އައިފޯނު ވިއްކުން ކޯޓުން ހުއްޓުވައިފަ އެވެ.