90 މިލިއަން ޑޮލަރުގެ ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަނީ

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ރާއްޖޭގައި ހަދާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލަށް މި މަހު އައްޔަންކުރި ޗީފް އެގްޒެކެޓިވް އޮފިސަރު އެޑްގާ ޓޯރަލް ހެނާންޑޭޒް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ދިވެހިންނަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި އެހޮސްޕިޓަލަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދޭނީ ޖަޕާނުގެ މަޝްހޫރު ޕިލިޕްސް ކުންފުނިން ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

"މިހާރު"ގެ ނޫސްވެރިންނަށް، ޓްރީޓޮޕް ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް މިއަދު ދައްކާލާފައިވާއިރު، ހަ ބުރިއަށް ހަދާ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގްގެ އޮނިގަނޑުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރަނީ އެ އިމާރާތުގެ އެތެރޭގެ މަސައްކަތްތަކެވެ. ހޮސްޕިޓަލް ބިލްޑިންގްގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާ މީހުންނަށް ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ އަަށް ބުރީގެ އިމާރާތެއް ވެސް އަންނަނީ ހަދަމުންނެވެ.

ހުޅުމާލޭގައި ޓްރީ ޓޮޕް އިސްވެސްޓްމެންޓުން ހަދަމުންދާ 159 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް "މިހާރު"ގެ ނޫސްވެރިންނަށް މިއަދު ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ

ޗީފް އެގްޒެކެޓިވް އޮފިސަރު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށެވެ. އަދި 159 އެނދުގެ ހޮސްޕިޓަލްގެ ހިދުމަތް ދިވެހިންނަށާއި ޓޫރިސްޓުންނަށް ހުޅުވާލެވޭނީ އަންނަ އަހަރުގެ އޭޕްރިލް ހިސާބުގައި ކަމަށް ވެސް އެޑްގާ ވިދާޅުވި އެވެ.

"މިތަނުގެ ހިދުމަތް ފުރަތަމަ ފަށައިގަންނައިރު ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތް ދޭނީ. އަދި މިރާއްޖެއިން މިވަގުތު ލިބެންނެތް ވަރަށް ގިނަ ފަރުވާ މިތަނުން ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދިނުމަށް ހަމަޖެހިފައިވާ ފަރުވާގެ ތެރޭގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑައިލިސިސް މެޝިނާއި ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބަކާއި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާ ދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީ އަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް އެތަނުގައި ހުންނާނެ އެވެ.

ހުޅުމާލޭގައި ޓްރީ ޓޮޕް އިސްވެސްޓްމެންޓުން ހަދަމުންދާ 159 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް އެތަނުގެ އިސް ވެރިން، "މިހާރު"އަށް މިއަދު ކިޔައި ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ

އެޑްގާ ވިދާޅުވީ ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް މަދުކުރުން ކަމަށެވެ. އެގޮތުން ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް 28 ކްލިނިކް އެ ހޮސްޕިޓަލްގެ ފުރަތަމަ ބުރީގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނުގައި ފަރުވާ ދިނުމަށް ތަފާތު 30 ސްޕެޝަލިސްޓުން މަސައްކަތް ކުރާނެ. އަދި އޭގެ އިތުރުން 160 ވަރަކަށް ނަރުހުން ތިބޭނެ. މިތަނުގައި ހިދުމަތް ދިނުމަށް ދިވެހިންނާއި ބޭރުގެ ޑޮކްޓަރުން ވެސް ތިބޭނެ. އަދި މެލޭޝިއާގެ ބައެއް ޑޮކްޓަރުން ވެސް ފަރުވާދޭން އަންނާނެ،" އެޑްގާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް އިން ތަރައްގީކުރާ ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ރޫމް ހުރެ އެވެ. އެގޮތުން ބަލި ދެ މީހަކަށް 30 ކޮޓަރިއާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރިއާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް "މިހާރު"ގެ ނޫސްވެރިންނަށް މިއަދު ދައްކާލަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ޓްރީޓޮޕްގެ ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ ހޮސްޕިޓަލުން ފަރުވާ ހޯދާ ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އެ ހިދުމަތް ހޯދުމަށް މަޝްވަރާކުރަމުން މިދަނީ. އަޅުގަނޑުމެން އުއްމީދުކުރަނީ މިތަނުން އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ ސީއީއޯ ވިދާޅުވީ އެތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކަށް ވުރެ މަތިވާނެ ކަމަށާއި ނަމަވެސް ހިދުމަތްތަކުގެ އަގުތަކަކީ އެހެން ހޮސްޕިޓަލްތަކާ ވާދަވެރި އަގުތަކަކަށް ވާނެ ކަމަށެވެ.