ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓު ބޮޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެމެރިކާގެ ސެންޓްރަލް ބޭންކް ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓު ބޮޑުކޮށްފި އެވެ.


ބޭންކުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުކޮށްފައިވަނީ 0.25 ޕަސެންޓުން 2.25 - 2.5 ޕަސެންޓާ ދޭތެރޭގަ އެވެ. މި ބަދަލު ގެނައި ނަމަވެސް ކުރިއަށް އޮތްތަނުގައި އަވަސް އަވަހަށް އިންޓްރެސްޓް ރޭޓަށް ބަދަލު ނުގެންނާނެ ކަމަށް ފެޑެރަލް ބޭންކުން ބުންޏެވެ.

ފެޑެރަލް ރިޒާވުން މި ބަދަލު ގެނައުމަށް މަސައްކަތް ފެށުމާ އެކު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އަނެއްކާވެސް ސެންޓްރަލް ބޭންކުން "ކުށެއް" ކުރަނީ ކަމަށެވެ.

ފެޑެރަލް ރިޒާވްގެ ޗެއާމަންގެ މަގާމަށް ކަނޑައަޅާފައިވާ ޖެރޯމް ޕަވަލް ވަނީ އެމެރިކާގެ މާލީ ދާއިރާއަށް އެންމެ ރަނގަޅު ނިންމުންތައް ސެންޓްރަލް ބޭންކުން ނުގެންނަ ކަމަށް މީގެ ކުރިން އެކި ފަހަރު ވިދާޅުވެފަ އެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަވަލް ވިދާޅުވީ، ސެންޓްރަލް ބޭންކަށް އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒު ނުފޯރާ ކަމަށެވެ.

ބޭންކްތަކުގެ އިންޓްރެސްޓް ރޭޓަށް ބަދަލު ގެނެސްފައިވާ އިރު މިއީ 2015 ވަނަ އަހަރުން ގެނައި ނުވަ ވަނަ ބަދަލެވެ. މިބަދަލާ އެކީ އެމެރިކާގެ ބޭންކުތަކުން ލޯނު ނެގުމުގެ އަގުބޮޑުވެގެންދާނެ އެވެ. އެހެންވެ މާލީ ދާއިރާގެ އިތުރުން ހައުސިން ދާއިރާގެ ކުރިއެރުމަށް މަޑުޖެހުމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.