ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބޭނުން އެނގޭތަ؟

ޕެންޝަން އޮފީސް ވުޖޫދަށް އައިފަހުން ނުވަ އަހަރު ފާއިތުވެގެންދިޔަ އިރު އަދިވެސް ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ ޕެންޝަން ސްކީމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އޭގެއިން ވާ ފައިދާއެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި އެއީ މުހިއްމު ފަންޑެއް ނޫން ކަމަށާއި އެއީ ވިލާތު ގައުމުތަކުގެ ދިރިއުޅުމާ ގުޅޭ ފަންޑެއް ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. މުސްކުޅިވާ ދުވަހު އެ ފައިސާއިން ކުރާނެ ބޭނުމެއް ނޯންނާނެ ކަމަށާއި އޭގެ ކުރިން އެ ފައިސާއިން ދިރިއުޅުމުގެ ކަންކަމަށް ހަރަދު ކުރެވެން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަނެއްބައި ފަރާތްތަކުން ޕެޝަން ސްކީމަށް ފައިސާ ކަނޑަނީ ކީއްކުރަންތޯ ސުވާލު އުފައްދަ އެވެ. ރައްޔިތުން މިފަދަ ސުވާލުތައް އުފައްދަމުންދާއިރު ރާއްޖޭގެ ޕެންޝަން ނިޒާމު އެކުލެވިގެންވާ ގޮތާއި މިފަދަ ނިޒާމެއްގެ ބޭނުމަކީ ކޮބައިކަން އެނގުން މުހިންމެވެ.


ރާއްޖޭގެ ޕެންޝަން ނިޒާމު އެކުލެވިގެން ވަނީ ގާނޫނު ނަންބަރު 8/2009 (ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު) ގެ ދަށުން ތައާރަފު ކުރެވިފައިވާ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމާއި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ މައްޗަށެވެ. އެ ނިޒާމު ގާއިމު ކުރެވިފައިވަނީ މަސައްކަތުން މުސްކުޅި ކުރާ ފަރާތްތަކަށް، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ޕެންޝަން ފޯރުކޮށްދިނުމަށާއި ދޮށީ އުމުރުގައި ފަގީރުވުމުން ރައްޔިތުން ސަލާމަތް ކުރުމުގެ މަގުސަދުގައެވެ. މީގެ އިތުރުން ޕެންޝަނަކީ ހަމައެކަނި ދައުލަތުގެ މުވައްޒަފުންނަށް ލިބޭ އިނާޔަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ ހުރިހާ މަސައްކަތްތެރިން ޝާމިލްވާ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަކީ ވެސް މި ނިޒާމުގެ މުހިންމު އެއް މަގްސަދެވެ.

ވޯޑްލް ބޭންކުގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބިގެން ތައާރަފުކޮށްފައިވާ މި ޕެންޝަން ނިޒާމު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލައި މުސްކުޅިވަމުންދާ އާބާދީ އަށް ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ދުރާލައި ރާއްކާކުރުމަށް އިސްކަންދީގެންނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމަތަކުގައި ހިންގަމުންދާ "މަލްޓިޕިލަރ" ޕެންޝަން ސިސްޓަމަށް ހިންގާ މި ޕެންޝަން ނިޒާމުގައި ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ ބައިވެރިވުން ލިބިގެން މުވައްޒަފުންގެ ޕެންޝަނަށް ފައިސާ އެއްކުރެވެއެވެ. މިގޮތުން އެއްކުރެވޭ ފައިސާ އިތުރުކުރުމަށްޓަކައި އެ ފައިސާ އިންވެސްޓްކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި ސްކީމުގެ ބައިވެރިންގެ ތެރެއިން ރިޓަޔަކުރާ ފަރާތްތަކަށް އެކަށޭނަ ޕެންޝަނެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެއެވެ. މިގޮތުން އެއްކުރެވޭ ފައިސާއިން ލިބޭ ޕެންޝަނަކީ ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަ އަދަދެއް ނަމަ ނުވަތަ ވަޒީފާ އަދާކުރި މުއްދަތުގައި ޕެންޝަނަށް ފައިސާ ރައްކާކުރެވިފައި ނުވާނަމަ ދައުލަތުން އެ މީހަކަށް އަސާސީ ޕެންޝަން ފޯރުކޮށްދެވެއެވެ.

މި ޕެންޝަން ނިޒާމުގައި ހިމެނޭ ރިޓަޔަމަންޓް ޕެންޝަން ސްކީމު މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ކޮންމެ މަހަކު ސްކީމަށް ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައި ވަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ 14 ޕަސެންޓެވެ. މިއީ 20 އަހަރުގެ މުއްދަތުގައި އަސާސީ މުސާރައިގެ 14 ޕަސެންޓް ޕެންޝަނަށް ޖަމާކޮށް އެ ފައިސާ އިންވެސްކޮށް އިންވެސްޓްމަންޓުތަކުން ފަސް ޕަސެންޓްގެ ކުރިއެރެމެއް ހޯދަމުން ގެންގޮސްފި ނަމަ ރިޓަޔަކުރާއިރު އެ މީހަކަށް ލިބެމުންދާ މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް ޕެންޝަންގެ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް ރައްކާކުރަންޖެހޭ އަދަދު ކަމުގައި ދިރާސާކުރެވި ކަނޑައަޅާފައިވާ އަދަދެވެ.

އެހެންނަމަވެސް، އުމުރުން 16 އަހަރާ 65 އަހަރާ ދެމެދުގެ މުވައްޒަފުން މި ސްކީމަށް ފައިސާ ޖަމާކުރުން ޕެންޝަނާ ބެހޭ ގާނޫނުުގެ ދަށުން މަޖުބުރޫ ކަމެއްގެ ގޮތުގައި އޮތުމާ އެކު 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސްކީމަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ޕެންޝަނަށް ޖަމާކުރެވޭ ފައިސާ އިތުރުކޮށް ރިޓަޔަވުމުން ޕެންޝަންގެ ގޮތުގައި ލިބޭ އަދަދާ ރިޓަޔަކުރުމާ ހަމަޔަށް ލިބެމުންދިޔަ މުސާރައާ ދެމެދު އޮންނަ ފަރަގު ކުޑަކުރުމުގެ ފުރުސަތު ސްކީމުގެ ބައިވެރިންނަށް އޮވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރިޓަޔަކުރުމަށް ފަހު ވެސް އެ މީހެއްގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ނުގޮސް ރިޓަޔަކުރި އިރާ ދާދި އެއްހަމައެއްގައި ދިރިއުޅުމުގެ ފެންވަރު ހިފެއްހެޓުމުގެ ފުރުސަތު ލިބެއެވެ.

މި ނަތީޖާ އަށް ވާސިލުވުމުގައި ޕެންޝަނަށް ފައިސާ ޖަމާކުރާ މުއްދަތު އިތުރުވުމާ ޕެންޝަން ކޮންޓްރިއުބިއުޝަން ހިސާބުކުރުމުގައި ބަލާ އަސާސީ މުސާރަ މަތީ ވުމާ އެއްފަދައިން މި ފައިސާ އިންވެސްޓް ކޮށްގެން ހޯދޭ ފައިދާ ވެސް މުހިންމު ރޯލެއް އަދާކުރެއެވެ.

އެހެންކަމުން، ޕެންޝަން ސްކީމުގެ ބައިވެރިން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓު ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ޖެހެއެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް މިހާރު ދެވެނީ ފައިސާގެ ރައްކާތެރިކަމަށް ބަލައި އެންމެ ބޮޑު ނަފާއެއް ސްކީމުގެ ބައިވެރިންނަށް ލިބޭނެހެން ފައިސާ އިންވެސްޓް ކުރުމަށެވެ.

މި އުސޫލުން، މިހާރު ޕެންޝަން ފައިސާ އިންވެސްޓް ކުރެވެމުންދަނީ ޓްރެޜަރީ ބިލާއި، ޓްރެޜަރީ ބޮންޑު، ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ، އަދި ބޭންކުތަކުގެ ފިކްސް ޑިޕޮޒިޓާއި ސްކޫކުގަ އެވެ. މި ތަންތަނުގައި އިންވެސްޓްކޮށް ސްކީމުގެ ބައިވެރިންނަށް އިންވެސްޓްމަންޓުތަކުން ދަނީ އެކަށީގެންވާ ނަތީޖާއެއް ހޯދާ ދެވެމުންނެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ އެވްރެޖު އުމުރަށް ބަލާއިރު ޒުވާނުން ގިނައެވެ. އެހެންކަމުން، މި ސްކީމު މެދުވެރިކޮށް ފައިސާ ރައްކާކުރުމަށް ދިގު މުއްދަތެއް ލިބި އެކަށީގެންވާ އަދަދެއް ޕެންޝަނަށް ޖަމާކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް އެބައޮތެވެ.

މިގޮތަށް ފައިސާ ރައްކާކުރުމުން ވަޒީފާ އަދާ ނުކުރެވޭ އުމުރަށް ދިއުމުން ދިރިއުޅުމުގެ ފެންވަރު ދަށަށް ދިއުމުގެ ފުރުސަތު ކުޑަވެއެވެ. މީގެ ސަބަބުން އާއިލާ އަށް ނުވަތަ ދައުލަތަށް ބަރޯސާވުމެއް ނެތި މިނިވަންކަމާއި ޝަރަފުވެރިކަން މަތީ އުޅުމަށް މަގުފަހިވެގެން ދާނެ އެވެ.