ކްރޯ މޯލްޑިވްސް އަށް 10 އަހަރު، ދިވެހިންގެ ބުރަ މަސައްކަތުން އެކައުންޓިންގް ދާއިރާއަށް ބޮޑު ކުރިއެރުމެއް

ކްރޯ މޯލްޑިވްސް އަކީ ރާއްޖޭގައި އެކައުންޓިންގެ ޚިދުމަތް ދޭ ފާމްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ އެއް އެކައުންޓިން ފާމެވެ. ދުނިޔޭގެ އޮޑިޓް ފާމްތަކުގެ ލިސްޓުގައި އަށް ވަނަ ދަރަޖަ ލިބިފައިވާ ކްރޯ ގްލޯބަލްގެ މެންބަރުކަން ކްރޯ މޯލްޑިވްސް އަށް ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް މި ފާމަކީ 2008 ވަނަ އަހަރު އޭ.އެޗް އެންޑް އެސޯސިއެޓްސް އެލްއެލްޕީގެ ނަމުގައި ފަށައިގެން މި ދާއިރާގައި ފާހަގަކޮށްލެވޭ އެތައް ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ އެކައުންޓިން ފާމެކެވެ.


އޮޑިޓްގެ މަސައްކަތްތަކާ، ޓެކްސް، އެކައުންޓިން އަދި އެޑްވައިޒަރީގެ ޚިދުމަތްދޭ ކްރޯ މޯލްޑިވްސް އަކީ ކުންފުންޏެއް ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތުން ފެށިގެން ކުންފުންޏެއް އުވާލުމާ ހަމައަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދޭ ފާމެކެވެ. މީގެ އިތުރުން ވެލުއޭޝަން، ޑިއު ޑިލިޖަންސް، ފައިނޭންޝަން ކޮންސަލްޓެންސީ، އެސެޓް ވެރިފިކޭޝަން، ޕޭރޯލް ސާވިސަސް ފަދަ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު ކޮންސަލްޓެންސީގެ ޚިދުމަތްތައް އެ ފާމުން ފޯރުކޮށްދެއެވެ.

ކްރޯ މޯލްޑިވްސްގެ މުވައްޒަފުން | ފޮޓޯ: ނިޝާން އަލީ

ކްރޯ މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް މި އަހަރު ފާހަގަ ކުރާއިރު، އެ ތަނަކީ މީރާއިން "އޭ" ކެޓަގަރީ ހުއްދަ ލިބިފައިވާ، ކުދި އަދި ބޮޑެތި ވިޔަފާރިތައް ވެސް އޮޑިޓް ކުރުމުގެ ހުއްދަ އޮންނަ ފާމެކެވެ. މިގޮތުން، ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އޮޑިޓް ފާމަށް ކްރޯ މޯލްޑިވްސް ވެފައިވާއިރު، އެ ފަރާތަކީ ފާއިތުވި ދެ އަހަރުގައި އޮޑިޓަރު ޖެނެރަލް އޮފީހުގެ އޮޑިޓަރެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގޭ ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަށް އޮޑިޓާއި ޓެކުހާއި އެކައުންޓިންގެ ޚިދުމަތް ފުޅާދާއިރާއެއްގައި އެ ފަރާތުން ދަނީ ފޯރުކޮށްދެމުންނެވެ.

ކްރޯ ގްލޯބަލްގެ މެންބަރު ފާމްތަކުން 135 ގައުމެއްގައި މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދިނުމަށް 33،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ކްރޯ މޯލްޑިވްސްގައި މަސައްކަތްކުރާ ޓީމަކީ 100 ޕަސެންޓް ދިވެހި ޓީމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭގައި ހުންނަ ކްރޯ މޯލްޑިވްސް މައި އޮފީހުގެ އިތުރުން، 2014 ވަނަ އަހަރުން ފެށިގެން ފުވައްމުލަކުގައި އެ ފާމުގެ ގޮތްޕެއް ހުރެއެވެ.

ކްރޯ މޯލްޑިވްސްގެ މުވައްޒަފުން | ފޮޓޯ: ނިޝާން އަލީ

ދުނިޔޭގެ އިގްތިސާދާއި ކުންފުނިތައް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ވާހަކަ ދައްކަވަމުން ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ، ކްރޯ މޯލްޑިވްސްއިން ދޭ ޚިދުމަތްތައް ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދިނުމަށް ކުރިއަށް އޮތް އަހަރުގައި ގިނަގުނަ މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާ އެކު ދުނިޔޭގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އިރު، ރާއްޖޭގެ ވިޔަފާރިތަކުން ވެސް ޚިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ވީހާ ވެސް ބޮޑަށް ބޭނުންކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ކްރޯ މޯލްޑިވްސްގެ މެނޭޖިންގް ޕާޓްނަ ހަސަން މުހައްމަދު | ފޮޓޯ: ނިޝާން އަލީ

ހަސަން ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ތިމާވެށްޓާއި ރައްޓެހި ގޮތަށް ކަރުދާސް ބޭނުން ކުރާ ވަރު މަދުކޮށް، ކްލައުޑް ޓެކްނޮލޮޖީގެ އެހީ ހޯދައި، ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައިވެސް މަސައްކަތް ކޮށްލުމުގެ އަމާޒާއެކު ކަމަށެވެ.

ރާއްޖޭގައި އޮޑިޓް ފާމުތަކުން ޚިދުމަތް ދޭން ފަށާފައިވަނީ 1980 ގެ މެދުތެރޭގައި ކަމަށް ވީ ނަމަވެސް، ގިނަ ދިވެހިންނަށް މި ދާއިރާއިން ފުރުސަތު ލިބިގެން އައިސްފައިވަނީ ދިވެހިރާއްޖޭގައި ޓެކްސް ތައާރަފް ވުމާ ގުޅިގެންނެވެ. ކަން މިހެން އޮތްނަމަވެސް، ކްރޯ މޯލްޑިވްސް ފާހަގަކޮށްލެވެނީ ގްލޯބަލް އެކައުންޓިން ނެޓްވޯކް ފާމެއްގެ މެންބަރުކަން ލިބިފައިވާ ސައްތައިން ސައްތަ ދިވެހި ޕާޓްނަރުން ތިބި ހަމައެކަނި އޮޑިޓް ފާމުގެ ގޮތުގަ އެވެ.