ގެސްޓްހައުސް ސިމްޕޯސިއަމްގައި 300 މީހުން ބައިވެރިވާނެ

ގެސްޓް ހައުސް ސިމްޕޯސިއަމްގައި 300 ފަރާތުން ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ، ގެސްޓް ހައުސް ސިމްޕޯސިއަމްގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން 300 ފަރާތުން މި ސިމްޕޯސިއަމްގައި ބައިވެރިވާ އިރު ގެސްޓްހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލުތަކުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެއް ދުވަހަށް ދަރުބާރުގޭގައި ކުރިއަށްގެންދާ މި ސިމްޕޯސިއަމް ދާނީ ހަތަރު ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ސިމްޕޯސިއަމްގައި ބައިވެރިވާ ހުރިހާ ސްޓޭކްހޯލްޑަރުން މަޝްވަރާ ކުރުމުގެ އިތުރުން ޕެނަލް ޑިސްކަޝަނެއްގެ އިތުރުން ވަކި ވަކި ގްރޫޕްތަކަށް ބަހާލެވިގެން ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު ވިދާޅުވީ، ގެސްޓް ހައުސްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސިމްޕޯސިއަމްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވެވޭނެ ގޮތަށް ބާއްވާ އިތުރު ސިމްޕޯސިއަމެއް، މި ފަހަރުގެ ސިމްޕޯސިއަމްގައި އިއުލާން ކުރާނެ ކަމަށެވެ.