އުރީދޫ ސުޕަނެޓް ކުޑަހުވަދޫ އަށް އިފްތިތާހުކޮށް، ރާއްޖޭގެ 60 ޕަސެންޓަށް ޚިދުމަތް ދީފި

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް ދ. ކުޑަހުވަދޫ އަށް އަށް ތައާރަފްކޮށް، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ޚިދުމަތް ފޯރުކޮށްދީފި އެވެ.


ކުޑަހުވަދުއަށް މިއަދު ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނެ އެވެ.

އުރީދޫ ސުޕަނެޓްގެ ހިދުމަތް 12 މެއި 2016 ގައި ތައާރަފްކުރުމަށް ފަހު މުޅި ރާއްޖެ އަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގޮތުން މި ހިދުމަތް ކުޑަހުވަދު އަށް ތައާރަފް ކުރެވިގެން ދިއުމާ އެކު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް މިހާރު ސުޕަނެޓްގެ ހިދުމަތް ލިބޭނެ އެވެ.

ކުޑަހުވަދޫގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވާ އުރީދޫގެ ސޭލްސް އެންޑް ބްރޭންޑިން ޑައިރެކްޓަ ހުސައިން ނިޔާޒު ވިދާޅުވީ، ޒަމާނީ ތަރައްގީއާ ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާ އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭގެ އިތުރުންް، ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ސުޕަނެޓްގެ ހިދުމަތް ކުޑަހުވަދުއަށް ތައާރަފްކުރުމާ އެކު، ޑިސެމްބަރު 31، 2018 ގެ ކުރިން ސުޕަނެޓް ހިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާއެއް ވެސް މިއަދު ވަނީ ތައާރަފް ކޮށްފަ އެވެ. ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީއެއް ނުނެގުމަށް ވަނީ ހަމަޖައްސައިފަ އެވެ.