ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތުގެ އާ ބާބެއްގެ ފެށުން

ރާއްޖޭގެ އެންމެ މުއްސަނދި އެއް ގްރޫޕުން ހުޅުމާލޭގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ އިއުލާންކުރުމާ އެކު ރާއްޖޭގެ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދާނެކަމުގެ ޔަގީންކަން ލިބުނެވެ. މިހާރު އެކަން ހަގީގަތަކަށް ވާތަން އެ ދަނީ ފެންނަމުންނެވެ. އާ ހޮސްޕިޓަލް އިމާރާތް ނިމެން ކައިރިވެއްޖެ އެވެ.


ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ ހޮސްޕިޓަލްގެ ބިޔަ ދެ ބިލްޑިންގަކީ މުޅިން ދަގަނޑު ބޭނުންކޮށްގެން ރާއްޖޭގައި އިމާރާތްކުރާ އެންމެ ބޮޑު ދެ ބިލްޑިންގަށް ވާނެ އެވެ. އަށް ބުރިއަށް ހަދާ 30،000 އަކަފުޓޫގެ ބިލްޑިންގާއި އަދި އެއާ ޖެހިގެން އަށް ބުރިއަށް ހަދާ 10،000 އަކަފުޓޫގެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް ބެލެވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މައި އިމާރާތާއި ސަޕޯޓް ބިލްޑިންގެ ކުރެހުމެއް

ރާއްޖޭގެ މަޝްހޫރު މަހުޖަނުންތަކެއް ހިއްސާވެގެން އުފައްދާފައިވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅާމާލޭގައި އެއް ލައްކަ އަކަފޫޓުގެ ސަރަހައްދެއްގައި ހަދާ މަތީ ފެންވަރުގެ ހޮސްޕިޓަލް ހުޅުވާނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

ސިއްހީ ހިދުމަތަށް ބޮޑު ބަދަލެއް

މި ސަރަހައްދަށް ބަލާއިރު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު އަދި އެހާ މައްޗެއް ނޫނެވެ. ބޮޑެތި ގިނަ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދޭނެ ޑޮކްޓަރުންނާއި އިކުއިޕްމަންޓެއް ވެސް ނެތެވެ. ހާއްސަކޮށް ކެންސަރު ބައްޔާއި ކިޑްނީ ޓްރާންސްޕްލާންޓްކުރުން އަދި ހިތުގެ ބައިޕާސް އޮޕަރޭޝަން ފަދަ ކަމެއް ރާއްޖޭގައި މިވަގުތު ހެދޭކަށް ނެތެވެ. އެހެންވެ އެފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އަހަރަކު އެތައް ސަތޭކަ ބަޔަކު އަމިއްލަ ހަރަދުގަ އާއި ސަރުކާރުގެ ހަރަދުގައި އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާއަށް ދަތުރުކުރެ އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ވަނީ ސިއްހީ ގޮތުން އެ ފެންވަރުގެ ކަންކަން ވެސް ކުރެވޭ ގޮތަށް އޮސްޓްރޭލިއާގެ ރަމްސޭ މެޑިކަލް އާއި މެލޭޝިއާގެ ސައިމްޑާބީއާ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފަ އެވެ. އަދި ރަމްސޭ ސައިމްޑާބީ ގްރޫޕުން އަންނަނީ އެތަނުގައި ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ދޭނެ ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުން އަދި އެ ފެންވަރުގެ ނަރުހުންނާއި މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންމެ ތިރީ ފްލޯ ހުންނާނެ ގޮތުގެ ކުރެހުމެއް: މިތަނުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ. ފޮޓޯ: ޓްރީ ޓޮޕް

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ހޮސްޕިޓަލަށް މި މަހު އައްޔަންކުރި ޗީފް އެގްޒެކެޓިވް އޮފިސަރު އެޑްގާ ޓޯރަލް ހެނާންޑޭޒް ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ދިވެހިންނަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށް ދޭން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތް ދިނުމަށް. އެގޮތުން ދިވެހިންނަށް ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބިގެންދާނެ. އަޅުގަނޑުމެން މިތަނުން ރާއްޖެއިން ލިބެން ނެތް ވަރަށް ގިނަ ހިދުމަތްތައް ސެކަންޑްރީ ލެވެލްގައި ދޭނަން. މިތަނުގައި އަޅުގަނޑުމެން ހިދުމަތް ދޭނީ ތަފާތު ކްލިނިކްތައް މެދުވެރިކޮށް،" އެޑްގާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތަފާތު ބަލިތަކަށް ފަރުވާ ދޭން 28 ކްލިނިކެއްގައި 30 ޑޮކްޓަރުން މަސައްކަތްކުރާނެ އެވެ. އޭގެ އިތުރުން ޖަޕާނުގެ މަޝްހޫރު ފިލިޕްސް ކުންފުނީގެ އެންމެ ޒަމާނީ ފެންވަރުގެ މެޑިކަލް އިކުއިޕްމަންޓްގެ އިތުރުން އެންމެ ފެންވަރު ރަނގަޅު ބޭސް ވެސް ލިބެން ހުންނާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭން ކަނޑައަޅާފައިވާ ފަރުވާގެ ތެރޭގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑައިލިސިސް މެޝިނާއި ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބަކާއި ކެންސަރުގެ ބައި ވެސް ހިމެނެ އެވެ. އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީއަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް ހުންނާނެ އެވެ.

ބަލި މީހުން އެޑްމިޓްކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެ އެވެ. އެގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރިއާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.

އެޑްގާ ވިދާޅުވީ ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް މަދުކުރުން ކަމަށެވެ.

ޓްރީ ޓޮޕް އިސްވެސްޓްމެންޓުން ހަދަމުން އަންނަ 159 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް އެ ކުންފުނީގެ ސީއީއޯ އެޑްގާ (ކ) ނޫސްވެރިންނާ ހިއްސާކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ

"މިތަނުގައި ފަރުވާ ދިނުމަށް ތަފާތު 30 ސްޕެޝަލިސްޓުން މަސައްކަތް ކުރާނެ. އަދި އޭގެ އިތުރުން 160 ވަރަކަށް ނަރުހުން ތިބޭނެ. މިތަނުގައި ހިދުމަތް ދިނުމަށް ދިވެހިންނާއި ބޭރުގެ ޑޮކްޓަރުން ވެސް ތިބޭނެ. އަދި މެލޭޝިއާގެ ބައެއް ޑޮކްޓަރުން ވެސް ފަރުވާދޭން އަންނާނެ،" އެޑްގާ ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގާތްގަނޑަކަށް 600 އެެއްހާ މުވައްޒަފުން ބޭނުންވެ އެވެ. އެތަނުގެ ހިދުމަތް ފަށައިގަތުމުގެ ކުރިން ތިން މަސް ދުވަހުގެ ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދޭނީ ވީހާ ވެސް ގިނަ ދިވެހިން ހޯދަން. ނަމަވެސް ބޭރު މީހުން ވެސް މިތަނުގައި މަސައްކަތްކުރާނެ. މިތަނުން ކަނޑައަޅާފައިވާ ފެންވަރަށް ހިދުމަތް ދޭން ވަރަށް ގިނަ ދިވެހިން ބޭނުންވޭ،" އެޑްގާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑައިލިސިސް އޭރިއާގެ ކުރެހުމެއް

އޭނާ ވިދާޅުވީ އެތަނުގައި ހިދުމަތް ދިނުމަށް މަތީ ފެންވަރުގެ ވިޒިޓިން ޑޮކްޓަރުން ވެސް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލް ހުޅުވާ ދުވަހުން ފެށިގެން ބޮޑެތި ބަލިތަކަށް ފަރުވާ ދޭން ނިންމާފައިވާ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

މިތަނުގައި ފަރުވާ ދިނުމަށް ތަފާތު 30 ސްޕެޝަލިސްޓުން މަސައްކަތް ކުރާނެ. އަދި އޭގެ އިތުރުން 160 ވަރަކަށް ނަރުހުން ތިބޭނެ. މިތަނުގައި ހިދުމަތް ދިނުމަށް ދިވެހިންނާއި ބޭރުގެ ޑޮކްޓަރުން ވެސް ތިބޭނެ. އަދި މެލޭޝިއާގެ ބައެއް ޑޮކްޓަރުން ވެސް ފަރުވާދޭން އަންނާނެ، ސީއީއޯ އެޑްގާ

"ފުރަތަމަ ފަށައިގަންނަ ދުވަހު ވެސް ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ. އެގޮތުން މިތަނުގައި ޒަމާނީ ފެންވަރުގެ ކެތު ލެބެއް ހުންނާނެ. މިތަނުގައި އެންމެ ފަހުގެ ސްކޭނިން ހިދުމަތްތައް ވެސް ލިބެން ހުންނާނެ. އަދި ފިލިޕްސް މިތަނުގައި ބަހައްޓާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އިކުއިޕްމަންޓްތަކެއް،" އެޑްގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގައި ބަލި މީހުންގެ ރިކޯޑްތައް ބެލެހެއްޓުމާއި ސްކޭންތަކާއި އެކްސްރޭ ފަދަ ޑޮކިއުމަންޓްތައް ވެސް ހުންނާނީ ޑިޖިޓަލްކޮށް ކަމަށެވެ.

"މުޅިން ވެސް ހުންނީ ޑިޖިޓަލް ކުރެވިފައި. އަޅުގަނޑުމެން މި ބަލަނީ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީ ބޭނުންކުރަން،" އޭނާ ވިދާޅުވި އެވެ.

އެޑްގާ ދެކެވަޑައިގަންނަވާ ގޮތުގައި މާލެ އާއި ހުޅުލެ ގުޅުވާލުމުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ އެވެ. އެހެންވެ އެކަމަށް ވެސް އެ ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ރަށްރަށުންނާއި ރާއްޖެއިން ބޭރުން އަންނަ ބަލި މީހުންނަށް ފަސޭހައިން ހުޅުމާލޭގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހޮސްޕިޓަލާ ޖެހިގެން ހަދާ އިމާރާތުގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަނާއި ރެސްޓޯރަންޓް އަދި ފިހާރަ ވެސް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

ދިވެހިންނަށް އޮތީ ކޮން ހާއްސަ ކަމެއް؟

މިވަރުގެ ބޮޑު އަދި މަތީ ފެންވަރުގެ ހޮސްޕިޓަލެއް ރާއްޖޭގައި ހުޅުވާއިރު ދިވެހިންނަށް ހޭދަކުރެވޭނެ އަގުގައި އަދި އާސަންދަ މެދުވެރިކޮށް ހިދުމަތް ލިބޭނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެކަމަށް ވެސް އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ތައްޔާރުވެފަ އެވެ.

ޓްރީ ޓޮޕްގެ ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަށައިގަންނައިރު ވެސް އާސަންދަ މެދުވެރިކޮށް ހިދުމަތް ދިނުމަށް އާސަންދަ ކުންފުންޏާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ރޫމެއްގެ ކުރެހުމެއް

"މިހާރު އަޅުގަނޑުމެން އާސަންދައާ ވާހަކަދައްކައިފިން. ދެން އެ ވާހަކަ ކުރިޔަށް އެބަ ދޭ. ތަންކޮޅެއް ފަހުން އެކަމާ ގޮތެއް ނިންމޭނީ. އުއްމީދުކުރަނީ އާސަންދައާ އެކު ފަށައިގަނެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އާސަންދަ މެދުވެރިކޮށް މި ހޮސްޕިޓަލުން ފަރުވާ ލިބޭނެ،" އާދަމް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ލަފާކުރާ ގޮތުގައި ހިދުމަތް ދޭން ފަށައިގަންނަ ފުރަތަމަ ދުވަހު ވެސް ވަރަށް ބިޒީ ހޮސްޕިޓަލަކަށް އެތަން ވެގެންދާނެ އެވެ. އެހެންވެ އެއް ފަހަރާ ގިނަ ބަޔަކަށް ހިދުމަތް ދޭން އެ ތަނުން އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު އާސަންދައާ ވާހަކަދައްކައިފިން. ދެން އެ ވާހަކަކުރިޔަށް އެބަދޭ. ތަންކޮޅެއް ފަހުން އެކަމާ ގޮތެއް ނިންމޭނީ. އުއްމީދުކުރަނީ އާސަންދައާ އެކު ފަށައިގަނެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އާސަންދަ މެދުވެރިކޮށް މި ހޮސްޕިޓަލުން ފަރުވާ ލިބޭނެ،

"އަޅުގަނޑުމެން މިބަލަނީ ވަރަށް ބިޒީވާނެ ކަމަށް. ދިވެހިން ތިބީ މިފަދަ ހިދުމަތް ދޭނެ އާ ބަޔަކަށް އިންތިޒާރުކޮށްގެން. އަޅުގަނޑުމެން ލަފާކުރަނީ 200 ވަރަކަށް މީހުންނަށް ދުވާލަކު ހިދުމަތް ދޭން ޖެހޭނެ ކަމަށް .މިތަނުން އެންމެ ބޮޑަށް މިބަލަނީ ރައްކާތެރި އަދި އިތުބާރުކުރެވޭ ފަދަ ހިދުމަތްތަކެއް ދިވެހިންނަށް ދޭން،" އެޑްގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ އެންމެ ބޮޑު އަމާޒަކީ ދިވެހިންނަށް ފަރުވާދިނުން ކަމަށާއި އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ގިނަ ބަޔަކު ވެސް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ހުޅުމާލޭގައި ޓްރީ ޓޮޕްގެ ފަރާތުން ހަދަމުން އަންނަ ހޮސްޕިޓަލްގެ މައި އިމާރާތުގެ ކުރެހުމެއް

"މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ ހޮސްޕިޓަލުގެ އަގުތައް މިހާރު ރާއްޖެ އިން ލިބެން ހުރި އަގުތަކާ ވާދަކުރާނެ ކަމަށް މެނޭޖްމަންޓުން ބުންޏެވެ.

"ވާދަކުރެވޭނެ އަގުތަކަށް ވާނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ ކިހާ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދަތުރުކުރާކަން. އެހެންވީމަ އެ މީހުންނަށް މިތަނުގައި ފަރުވޭ ދޭނީ ފަރުވާތެރިކަމާއި ހިތް ހަމަޖެހޭ ފެންވަރެއްގައި،" އެޑްގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން ބޭރަށް ފަރުވާ ހޯދަން ދާއިރު ފަރުވާގެ އިތުރުން ޓިކެޓަށާއި ހުރުމަށާއި ކެއުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އަމިއްލަ ގައުމުގައި ފަރުވާ ހޯދަން އެވަރުގެ ބޮޑު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނުގައި ހިދުމަތް ދޭނީ ވާދަކުރެވޭ ވަރުގެ އަގުތަކެއްގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް. މިތަނުގައި މި ސަރަހައްދުގައި ދެވޭނެ އެންމެ ފެންވަރު ރަނގަޅު ފަރުވާއަށް ވެގެންދާނެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަޅުގަނޑުމެން ހިދުމަތް ދޭނީ،" ރަމްސޭ އަދި ތައިލެންޑްގެ ބަމްރުމްގްރާޑް ހޮސްޕިޓަލްގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ އެޑްގާ ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ މަސައްކަތް ނިމުމަކާ ކައިރީގައި

މި ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް އެންމެ ގާތުން ބަލަން އިސްކޮށް ހުންނެވީ ހުޅުމާލެ ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރެހުންތަކެއް: މިތަނުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ. ފޮޓޯ: ޓްރީ ޓޮޕް

އެތަނުގައި ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ތަފުސީލްކޮށް އޭނާ ކިޔައިދެއްވި އެވެ. ހޮސްޕިޓަލް ނިމޭއިރު އެއީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު އަދި ރީތި އެއް އިމާރާތަށް ވެގެންދާނެ އެވެ. އޭގެ އިތުރުން އެތަނުގެ އެކި ޑިޕާޓްމަންޓްތަކުގެ އިންޓިރިއާ ޑިޒައިންތައް ވެސް އެހާމެ ހިތްގައިމެ އެވެ.

"ބޭރުން އެއްޗިހި ގެނެސްގެން މަސައްކަތްކުރާތީ ބައެއް ކަހަލަ ދަތިތަކެއް އެބަހުރި. އެކަމަކު ފުދޭވަރަކަށް ރަނގަޅު ސްޕީޑެއްގައި މަސައްކަތް ކުރިޔަށް އެބަ ދޭ. މިތަނުގައި ވަރަށް ބައިވަރު ބޮޑެތި މަސައްކަތް އެބަހުރި. އެގޮތުން އިކުއިޕްމަންޓްތައް ބަހައްޓައި ޓެސްޓްކުރުން ވެސް ހިމެނޭ،" މަހުޖޫބު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލަށް ބޭނުންވާ އިމަޖެންސީ ކަރަންޓްގެ ހިދުމަތް ދޭން 4.2 މެގަވޮޓްގެ ޖަނަރޭޓަރު ސެޓްތަކެއް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އެއީ މިވަގުތު މުޅި ހުޅުމާލެއަށް ބޭނުންވާވަރުގެ ކަރަންޓެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރިއަށްދާ ގޮތް އެ ހޮސްޕިޓަލްގެ އިސްވެރިން "މިހާރު" އަށް ކިޔާދެއްވަނީ.-- ވީޑިއޯ: ހުސެން ޝަޔާހު/މިހާރު

"މިއީ ހަމައެކަނި ސްޓޭންޑްބައި ޖަނަރޭޓަރުތަކެއް. ސްޓެލްކޯއިން ކަރަންޓް ނުލިބިއްޖެއްޔާ ބޭނުންކުރާނީ. އެމްޑަބްލިއުއެސްސީގެ ފެން ބޭނުންކުރާނީ. އެކަމަކު މިތަނުގައި ޑައިލިސިސް ދިހަ ބެޑް ހުންނާތީ އަމިއްލަ އާރުއޯ ޕްލާންޓް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

މިހާރު މަސައްކަތްކުރަމުންދާ ގޮތަށް ބަލާއިރު އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ހުޅުވޭނެ ކަމަށް ލަފާކުރެވެ އެވެ. އެއާ އެކު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ހޮސްޕިޓަލްގެ ހިދުމަތް ދިވެހިންނަށް ލިބެން ފަށާނެ އެވެ.