ގެސްޓް ހައުސްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގެސްޓް ހައުސްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.


ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު ވިދާޅުވީ، ގެސްޓް ހައުސްތަކުގެ ގިނަ ޝަކުވާތަކެއް ސިމްޕޯޒިއަމްގެ ތެރެއިން ލިބިފައިވާ އިރު އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓް ހައުސްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ސިމްޕޯޒިއަމްގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް އެބޭފުޅުންގެ ޝަކުވާތައް ހުށަހަޅޭނެ ގޮތްތައް ފަހި ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ޓޫރިސްޓް ޕޮލިސް ތައާރަފް ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ހޯމް މިނިސްޓްރީ އަށް ފޮނުވާފައި. އެކަމުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ހިސާބުތަކުގައި ޓޫރިސްޓް ޕޮލިސް ބައިތިއްބާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގެސްޓް ހައުސްތަކާ ގުޅޭ ހުރިހާ މައްސަލައަކަށް ހައްލެއް ގެނައުމަށްޓަކައި ޝަކުވާތައް ކޮމްޕައިލްކޮށް، އިކޮނޮމިކް ކައުންސިލަށް ފޮނުވާނެ ކަމަށެވެ. އަދި އެއަށްފަހު އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ތެރެއިން ހަނިމާދޫ ޓާމިނަލްގެ މަސައްކަތާއި ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލަ އާއި ބީޗުތަކުގެ މައްސަލައިގެ އިތުރުން ޓެކްސް ދެއްކުމުގައި ދިމަވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ވަކިވަކި ރަށްރަށުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ވެސް މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅުދުއްފުއްޓަށް ނުވަތަ ބޮޑު ތިލަދުންމައްޗަށް ޓޫރިޒަމް ގެންދިޔުން އޮތީ ވަރަށް ފަހަތުގައި. މި ސަރުކާރުން އެ ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާ ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.