އެމެރިކާ އާއި ޗާއިނާގެ ވިޔަފާރީގެ ހަނގުރާމައިން ދެ ގައުމަށް ބިލިއަނުން ގެއްލުން

އެމެރިކާ އާއި ޗާއިނާގެ ވިޔަފާރީގެ ހަނގުރާމައިގައި ދެގައުމަށް ވެސް ބިލިއަނުން ގެއްލުންވެއްޖެ އެވެ.


ދެގައުމުގެ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވި އިރު އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އޮޓޯ އިންޑަސްޓްރީ އާއި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށެވެ.

އިމްޕޯޓްކުރާ މުދަލުން ދެ ގައުމުން ވެސް ބޮޑެތި އަދަދުތަކުން ޓެކްސް ނަގަން ފެށުމުން ދެ ގައުމަށް ވެސް އިގްތިސާދީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އިކޮނޮމިސްޓުން ބުނެ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގާ ދެމެދު އެއްބަސްވުމަކާ ހަމަޔަށް އައުމަށް ބާރަކަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ވިޔަފާރީގެ އަރައިރުންތަކަށް ހައްލެއް ހޯދުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގައި އިމްޕޯޓް ޓެރިފް ބޮޑުކުރަންފެށި ފަހުން، އެމެރިކާއިން ޗައިނާއަށް އެތެރެކުރާ ސޮއިބީން އާއި ކޯންގެ އިތުރުން ގޮދަނުގެ ވިޔަފާރިން 2.9 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ.

އެމެރިކާއަށް ދަނޑުވެރިކަމުގެ ބާވަތްތަކުން މިހާ ބޮޑު ގެއްލުމެއް ލިބިފައިވާ ދުނިޔޭގައި އެންމެ ގިނައިން ސޮއިބީން އިމްޕޯޓުކުރާ ގައުމަކީ ޗައިނާއަށް ވުމެވެ. މިދިޔަ އަހަރު ޗައިނާ އިން ވަނީ 12 ބިލިއަން ޑޮލަރުގެ އޮއިލްސީޑް އެމެރިކާއިން އެތެރެކޮށްފަ އެވެ.

އެމެރިކާއިން ސޮއިބީނުން 25 ޕަސެންޓް ޓެރިފް ބޮޑުކުރުމުން ޗައިނާ އިން މިހާރު އެންމެ ގިނައިން ސޮއިބީން އެތެރެކުރަނީ ބްރެޒިލުންނެވެ.

މި އަހަރު ދަނޑުވެރިކަމުގެ ބާވަތްތަކުން، އެމެރިކާ އިން ޗައިނާ އަށް އިމްޕޯޓްކުރާ މިންވަރު ވަނީ 42 ޕަސެންޓް ދަށްވެފަ އެވެ. މިކަމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއްވެފައި ވަނީ އެމެރިކާގެ ދަނޑުވެރިންނަށެވެ. ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެމެރިކާގެ ސަރުކާރުން އަންނަނީ 11 ބިލިއަން ޑޮލަރަށްވާ މިންވަރަށް ދަނޑުވެރިންގެ އަތުން ސީދާ ތަކެތި ގަންނަމުންނެވެ. އެމެރިކާގެ ސޮއިބީން އުފައްދާ ދަނޑުވެރިންނަށް 280 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

މީގެ އިތުރުން އެމެރިކާއިން ޓެރިފް އިތުރު ކުރުމުން ޗައިނާގެ ފޯނު ބެޓެރީގެ ވިޔަފާރިއަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ.

އެމެރިކާގެ ކޮންސިއުމާ ޓެކްނޮލޮޖީ އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ޗައިނާ އިން އެތެރެކުރާ ބާވަތްތަކުން ޓެކްސް ބޮޑުކުރުމުން ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ އަގު ކޮންމެ މަހަކު އެއް ބިލިއަން ޑޮލަރު އިތުރުވާނެ އެވެ.