ބަސް ދަތުރަށް ފައިސާ ދައްކަންޖެހޭނީ ކާޑުން، ޓިކެޓެއް ނުވިއްކާނެ

މާލެ، ހުޅުލެ އަދި ހުލުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން އަގު ނަގަން ފަށާއިރު ފައިސާ ދައްކަންޖެހޭނީ އެކަމަށް ހާއްސަ ކާޑު ގަނެގެން ކަމަށާއި ވަކި ޓިކެޓެއް ނުވިއްކާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.


ބްރިޖުގައި ބަހުގެ ދަތުރުތައް ފެށި ފަހުން މިހާތަނަށް ދަތުރުކުރަމުން އައީ ހިލޭ އެވެ. ނަމަވެސް މާދަމާއިން ފެށިގެން ދަތުރުކުރާނީ ކޮޅަކަށް 10ރ.ގެ މަގުން އަގު ނަގައިގެންނެވެ. މި ފައިސާ ދައްކަން ބޭނުންކުރަންޖެހޭނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ "ޓަޗްލިންކް" ކާޑު ބޭނުންކޮށްގެންނެވެ.

މާލެ/ހުޅުމާލެ ދަތުރުތަކަށް ކާޑު ބޭނުންކުރި ކަމުގައި ވިޔަސް ހުޅުމާލެ/އެއާޕޯޓް ދަތުރުތަކުގައި ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ އެވެ.

އެމްޕީއެލް އިން މިހާރު އަންނަނީ މާލޭގައި ހުންނަ ހުޅުމާޅެ ބަސް ޓާމިނަލް، ހުޅުމާޅޭގެ މައި ބަސް ޓަމިނަލް، އަދި ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕުން 20ރ. މި ކާޑު ވިއްކަމުންނެވެ. ކާޑު ވިއްކާ ތަންތަނުން ކާޑަށް ފައިސާ އެޅޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިހާރަތަކުން ވެސް ކާޑަށް ފައިސާ އެޅޭ ގޮތް ހަދަން ވަނީ ނިންމައިފަ އެވެ.

ބަހުގައި ބޭނުންކުރާ ކާޑަށް ހާއްސަ މެޝިންތައް ބަސް ޓަމިނަލްތަކުގަ އާއި ބަސްތަކުގެ އެތެރޭގައި ވެސް ހުންނާނެ އެވެ. ކާޑުން ފައިސާ ކެނޑުމަށް އެ މެޝިނަށް ކާޑު ދިއްކޮށްލުމުން އެ ދަތުރަށްވާ ފައިސާ ކާޑުން އުނިވާނެ އެވެ. އެއްކާޑަކުން ކިތަންމެ ގިނަ މީހުންނަކަށް ވެސް ދަތުރުކުރެވޭނެ އެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލްއާ ކުރީގެ ސަރުކާރުން ހަވާލުކުރުމުން އެކަމަށް އާ ބަސްތަކެއް ގެންނަން 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.