ބަޖެޓަށް ވުރެ އިތުރަށް އެންސްޕާ އިން 683 މިލިއަން ރުފިޔާ ހޭދަކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް މި އަހަރަށް ކަނޑައެޅި 1.2 ބިލިއަން ރުފިޔާގެ އިތުރަށް 683 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހަފުތާޔަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓުން ދައްކައިފި އެވެ.


އަހަރުގެ ފަހު ހަފުތާއާ ހަމަޔަށް އެންސްޕާއިން ވަނީ 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު އެންސްޕާއިން ހޭދަކުރީ 1.2 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ކަނޑައެޅި ބަޖެޓްގެ އިތުރަށް 28.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އެތަނުން ހޭދަކުރި ޖުމުލަ އަކީ 424 މިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހުން ވެސް ވަނީ ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 27.1 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފަ އެވެ. ރައީސް އޮފީހުގެ ހަރަދަކީ 135 މިލިއަން ރުފިޔާ އެވެ.

އަހަރުގެ މިހާތަނަށް ޑިފެންސް މިނިސްޓްރީން 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ފުލުހުންގެ ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ހައުސިން މިނިސްޓްރީން ވަނީ 1.9 ބިލިއަން ރުފިޔާ، އެޑިއުކޭޝަން މިނިސްޓްރީން 2.9 ބިލިއަން ރުފިޔާ އަދި ހެލްތް މިނިސްޓްރީން 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އަހަރުގެ ފަހު ހަފުތާއާ ހަމަޔަށް މުޅި ދައުލަތުގެ ހޭދައަކީ 24.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ 24.8 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 17.4 ބިލިއަން ރުފިޔާ އެވެ. ތަފާތު މަޝްރޫއުތަކާއި ޕްރޮޖެކްޓްތައް ހިންގަން ހަރަދުކޮށްފައިވަނީ 7.4 ބިލިއަން ރުފިޔާ އެވެ.

މިހާތަނަށް ދައުލަތުގެ އާމްދަނީ އަކީ 20.5 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބުނީ 20.2 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބިފައިވަނީ ޓެކްސް އިންނެވެ. ޓެކްސްގެ އާމްދަނީގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބުނެވެ.