ހޮޓާ ވިއްކާލަނީ ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކުރަންޖެހޭތީ: އަމްރު

އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާ ވިއްކާލަނީ ކުންފުނީގެ ކޭޝް ފްލޯ ރަނގަޅު ކުރުމަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަ ހަސަން އަމްރު ވިދާޅުވެއްޖެ އެވެ.


އަމްރު ވިދާޅުވީ، އެސްޓީއޯ އިން ހުޅުމާލޭގައި ހޮޓާ އިމާރާތްކުރީ ތައިލެންޑްގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކަމަށެވެ. ހޮޓާ ނިންމުމަށްޓަކައި ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. ލޯނުގެ ފައިސާ އެއްކޮށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން އެސްޓީއޯ އިން މުދާ ގެންނަން ޖެހިފައިވަނީ ލޯނު ނަގައިގެންނެވެ. މިގޮތަށް ކަންތައް ކުރަންޖެހުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ އެންމެ ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކަ ފަދަ ކުންފުނިތަކުން އަޅުގަނޑުމެންނަށް ޕޭމެންޓެއް ނާދޭ. މިކަމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ އުޅެނީ ވަރަށް ދަތިކޮށް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި ތަރައްގީކުރަން ފެށި ލަގްޒަރީ ހޮޓެލްގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ހުޅުމާލޭގައި މީގެ ހަތް އަހަރު ކުރިން އެސްޓީއޯ ފަސް ތަރީގެ ފެންވަރަށް ހަދަން ފެށި ހޮޓާ ވިއްކާލުމަށް އެސްޓީއޯ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ކުންފުނިން 2011 ގައި އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ ހޮޓާ ގަންނަން ނުވަތަ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެކުންފުނިން ވަނީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ދައުވަތު ދީފަ އެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 15 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އިއުލާންގައި ބުނެފައިވެ އެވެ.

މީގެ ކުރިން 2016 ގައި ވެސް އެ ހޮޓާ ވިއްކާލަން އެސްޓީއޯ އިން މަސައްކަތްކުރި އެވެ. ނަމަވެސް އޭރު އާންމުކޮށް ބިޑަށް ހުޅުވާލާފައެއް ނުވެ އެވެ.