މަހުގެ ބާވަތެއް ނުހިމެނޭ ސޮސެޖް ރޯލެއް

މަހުގެ ބާވަތްތަކާ ދުރުވެ ތަރުކާރީ އަށް ބަރޯސާވާ މީހުން ދުނިޔޭގައި އިތުރުވަމުން އަންނަ އިރު އެފަދަ މީހުންނަށް ހާއްސަކޮށްގެން، އިނގިރޭސިވިލާތުގެ އެންމެ ބޮޑު ބޭކަރީ ޗެއިން ގްރެގްސް އިން "ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލް" ބާޒާރަށް ނެރެން ނިންމައިފި އެވެ.


ގްރެގްސްގެ ޗީފް އެކްޒެކެޓިވް ރޮޖާ ވައިޓްސައިޑް ބުނީ މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެސްދޭ އުފެއްދުމެއް ކަމަށާއި މީގެ ސަބަބުން ވެޖެޓޭރިއަން ކެއުންތަކަށް ލޯބިކުރާ މީހުންނަށް ހާއްސަ އުފަލެއް ލިބޭނެ ކަމަށެވެ.

"ވަރަށް ގިނަ ކަސްޓަމަރުންގެ ޑިމާންޑެއް ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލެއް އަހަރެމެންގެ މެނޫ އަށް ގެނައުމަކީ،" އޭނާ ބުންޏެވެ. "ވަރަށް އުފަލުން އަހަރެމެން ވެސް މި ތިބީ ކަސްޓަމަރުން އެންމެ އެދޭ ކަހަލަ އުފެއްދުމެއް ނެރެވޭތީީ."

ގްރެގްސް އިން މިފަދަ އުފެއްދުމެއް ބާޒާރަށް މި ނެރެނީ ޖަނާވަރުންގެ ހިމާޔަތަށް މަސައްކަތްކުރާ ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕޭޓާ) އިން ތިމާވެއްޓާ ރައްޓެހި ކެއުންތަކަށް ގްރެގްސް އިން އިސްކަން ދޭން ގޮވާލައި ޕެޓިޝަނެއް ހަދައި އޭގައި 20،000 އަށް ވުރެ ގިނަ މީހުން ސޮއި ވެސްކޮށްފައި ވަނިކޮށެވެ.

ގްރެގްސް އައުޓްލެޓެއްގެ ކައިރިން ބަޔަކު ހިނގާފައި ދަނީ.

ގްރެގްސް އިން ބުނި ގޮތުގައި މިހާރު އިނގިރޭސިވިލާތުގެ 950 އައުޓްލެޓަކުން ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލް ގަންނަން ލިބޭނެ އެވެ. މި ތައްޔާރުކޮށްފައި ހުންނާނީ މުޅިން ވެސް ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތަކީ ވެޖެޓޭރިއަން ކެއުންތަކަށް ލޯބި ކުރާ މީހުންގެ އާބާދީ އެންމެ ބޮޑަށް އިތުރުވަމުން އަންނަ އެއް ގައުމެވެ.