ފިނޭންސުން މި އަހަރަށް މުހިންމު އަމާޒުތަކެއް

މި އަހަރު ފިނޭންސް މިނިސްޓްރީން ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ހާމަކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނީ ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވައި ފިސްކަލް ޑީސެންޓްރަލައިޒޭޝަންގެ މަސައްކަތްތައް ކަމަށެވެ. އެތަނުން ބުނީ މިކަން ކުރުމަށްޓަކައި ހާއްސަ ޔުނިޓެއް އެ މިނިސްޓްރީގައި ގާއިމުކުރާނެ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

ކައުންސިލްތައް ބާރުވެރި ކުރުން

ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ކައުންސިލްތަކަށް ދޭނެ ގޮތުގެ އުސޫލެއް ކަނޑައަޅައި، އެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ކައުންސިލްތަކަށް ދޭންވާ ފައިސާ، ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން މިއަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގްރާންޓްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

އެސެޓް ރީވެލިއު ކުރުން

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މިލްކިއްޔާތުގައިވާ ބިންތަކާއި އިމާރާތްތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ދައުލަތުގެ އެސެޓްތައް ރީވެލިއުކުރާނެ ޕޮލިސީތަކާއި ގައިޑްލައިންތައް އެކުލަވާލާނެ ކަމަށެވެ. އަދި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ހުރިހާ ބައިތަކެއް ފުރިހަމަ ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހާއްސަ އިސްކަމެއްދީގެން ދައުލަތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރާނެ އެވެ. މިއާ އެކު ދައުލަތުން އެކުލަވާލަން ހަމަޖެހިފައިވާ ނޭޝަނަލް ޑިވެޕޮލްމެންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 2020 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ބާރުވެރި ކުރުން

އެ މިނިސްޓްރީން ބުނީ މިއަހަރުން ފެށިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދު ރިވިއުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަކުރުމަށްޓަކައި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ރިވިއުކޮށް އެއްގޮތް ކުރުމާ އެކު ކުންފުނިތަކުގެ ޕާފޯމެންސަށް ބަލައި ގިންތިކުރަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން އަމަލު ކުރުމަށްޓަކައި ކޯޕަރޭޓް ގަވަނަންސް ކޯޑު އޯއީސީޑީ ސްޓޭޑާޑަށް ތައްޔާރުކޮށް ޕަބްލިޝް ކުރުމަށް ވެސް ނިންމާފައިވެ އެވެ. އަދި ޕްރައިވަޓައިޒޭޝަން ބޯޑުން ކުންފުނިތަކުގެ މައުލޫމާތުތައް ފަސޭހައިން ހޯދުމަށާއި ކުންފުނިތަކުގެ މައުލޫމާތު ރައްކާތެރިކާމާއެކު ބެލެހެއްޓޭނެ "ޑޭޓާ ބޭސް މެނޭޖްމެންޓް ސިސްޓަމް" އެއް ގާއިމްކުރުން ވެސް އަމާޒުތަކުގެ ތެރޭގައިވެ އެވެ.

ދަރަނި ކުޑަކުރުން

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދައުލަތުގެ ދަރަނި ކުޑަކުރުން ކަމަށްވާ އިރު 2020 އިން 2022 އަށް "މީޑިއަމް ޓާމް ޑެޓް މެނޭޖްމެންޓް ސްޓެރެޓެޖީ" ތައްޔާރު ކުރުމުގެ އިތުރުން ޑޮމެސްޓިކް މާކެޓް ޑިވެލޮޕް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅިގެން ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ދަރަނި މެނޭޖް ކުރުމަށްޓަކައި "ޑެޓް މެނޭޖްމެންޓް ޕާފޯމަންސް އެސެސްމެންޓް (ޑެމްޕާ)" އެއް ވާލްޑް ބޭންކާއެކު ހެދުމަކީ ވެސް ކަނޑައަޅާފައިވާ އަމާޒެކެވެ.

މީގެ އިތުރުން ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ވެސް މިނިސްޓްރީގެ އަމާޒުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ ކަންކަމުގެ ތެރެއިން މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ރިސޯސް މޮބިލައިޒޭޝަން ސްޓްރެޓެޖީ" ކަނޑައެޅުމުގެ މަސައްކަތް ވެސް މި އަހަރުގެ ކުރާނެ ކަމަށާއި ދައުލަތުގެ ސޮވެރިން ގެރެންޓީ ދޭ އުސޫލާއި ގެރެންޓީ ދޭ ޕްރޮސެސް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް ބުންޏެވެ.