ދެކުނުގެ ދެ ސިޓީ އަށް އަލީ ވަހީދު ވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ މި ދަތުރަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެގޮތުން ޓޫރިޒަމް ފުޅާ ކުރުމުގައި އެ ރަށްރަށުގައި ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތިން ހޮނިހިރަށެވެ. ދަތުރުގައި މޯލްޑވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވާނެ އެވެ.

މީގެ ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިފަދަ ދަތުރުތައް ކޮށްފަ އެވެ. އެގޮތުން ކ. މާފުއްޓާއި އއ. ރަސްދޫ އަށް ޓޫރިޒަމް މިނިސްޓަރު ވަޑައިގެން ވަނީ، އެ ރަށްރަށުގައި ޓޫރިޒަމް ކުރިއެރުވުމުގައި ހުރި ދަތިތައް އޮޅުން ފިލުއްވައިފަ އެވެ.