މި ދެ އަހަރު ދުނިޔޭގެ އިގްތިސާދު މަޑުޖެހޭނެ: ވޯލްޑް ބޭންކް

ކުރިއަށް ދެ އަހަރު ވެސް ދުނިޔޭގެ އިގްތިސާދު ކުރިއަރައިދާ މިންވަރު ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.


ވޯލްޑް ބޭންކްގެ އަހަރީ އެސެސްމެންޓްގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 2.9 ޕަސެންޓުގައި ހުރުމަށް ފަހު 2020 ވަނަ އަހަރު 2.8 ޕަސެންޓަށް ދަށަށް ދާނެ އެވެ. މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ހުރީ 3.1 ޕަސެންޓްގަ އެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށަށް ދާން ފެށީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އިގްތިސާދީ ދުވެލި ދަށަށް ގޮސްފައިވަނީ މުއްސަނދި ގައުމުތައް ކަމަށްވާ އެމެރިކާ އާއި ޔޫރޯޒޯނުގެ އިތުރުން ޖަޕާނު ފަދަ ގައުމުތަކުގެ އިގްތިސާދު ދަށްވުމުންނެވެ.

މީގެ އިތުރުން، އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ދުވެލި ވެސް މަޑު ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ހާއްސަކޮށް ޗައިނާގެ އިގްތިސާދީ ދުވެލި 2021 ވަނަ އަހަރުގައި ހަ ޕަސެންޓަށް ވެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.

ޗައިނާގެ އިގްތިސާދު 1980 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ކުރިއަރަމުން އައިސްފައިވަނީ އެވްރެޖުކޮށް 10 ޕަސެންޓުގަ އެވެ.

ވޯލްޑް ބޭންކްގެ އިކޮނޮމިސްޓް ފްރެންޒިސްކާ އޮންސޯގޭ ވިދާޅުވީ، ޗައިނާގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ކުރިއެރުން މަޑު ޖެހިލި ނަމަވެސް ދުރު މުސްތަގުބަލުގައި ފައިދާތަކެއް ކުރާނެ ކަމަށެވެ.

އިގްތިސާދީ ކުރިއެރުން މަޑު ޖެހުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމާއި އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ އަރައިރުން ހިމެނެ އެވެ. ދެގައުމުން އެތެރެކުރާ މުދަލަށް އާ ޓެރިފްތައް ނަގަން ފެށިފަހުން މުޅި ދުނިޔޭގެ ވިޔަފާރީގެ 2.5 ޕަސެންޓަށް އޭގެ އަސަރުކޮށްފައިވެ އެވެ.