އައިފޯންގެ އާ ތިން މޮޑެލެއް މި އަހަރު ނެރެނީ؟

އެޕަލްގެ އައިފޯންގެ ވިޔަފާރި މިދިޔަ އަހަރު ލަފާކުރި ވަރަށް ވުރެ ދަށްވެފައިވާތީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިފޯން އުފައްދާ މިންވަރު މަދުކުރަން ނިންމި ނަމަވެސް މި އަހަރުގެ ތެރޭގައި އައިފޯނުގެ އާ ތިން މޮޑެލްއެއް ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި މި އަހަރު އެޕަލް އިން ނެރެން ނިންމައިފައިވާ އައިފޯންގެ މޮޑެލްތަކުގެ ތެރޭގައި އެލްސީޑީ ސްކްރީން ހިމެނޭ އައިފޯނާއި ކެމެރާގެ މުޅިން އާ ފީޗާތަކެއް އެކުލެވޭ މޮޑެލްއެއް ހިމެނޭނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެޕަލް އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެޕަލް އަކީ އެ މީހުންގެ އުފެއްދުންތަކާ ބެހޭ ގޮތުން، އެ ތައާރަފްކުރުމުގެ ކުރިން ވާހަކަ ދައްކާ ބައެއް ނޫނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯންގެ ވިޔަފާރި ދަށްވުމުން، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު، އުފައްދާ ފޯނު 10 ޕަސެންޓަށް ދަށްކުރަން އެޕަލް އިން ވަނީ ސަޕްލަޔަރުންނަށް އަންގައިފަ އެވެ.

އެގޮތުން އައިފޯން އެކްސްއެސް، އެކްސްއެސް މެކްސް އަދި އެކްސްއާރް މަރުކާގެ ފޯނު އުފައްދަން ކުރިން ކަނޑައަޅާފައި އޮތް އަދަދު ކަމަށްވާ 47-48 މިލިއަނުން 40-43 އާ ދޭތެރޭ އަދަދަކަށް މިހާރު ދަށްކޮށްފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި ކުންފުނީގެ އާމްދަނީ ލަފާކުރި މިންވަރަށް ވުރެ ދަށްވުމުގެ މައިގަނޑު އެއް ސަބަބަކަށްވީ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރިގެ ގުޅުމަށް ބުރޫ އަރައި، ޗައިނާގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެވެ.

މި އަހަރު އައިފޯންގެ އާ ތިން މޮޑެލެއް ނެރޭނެ ކަމަށްވޭ.

ޗައިނާ އާއި ހޮންގް ކޮންގާއި ޓައިވާނަކީ އެޕަލްގެ އާމްދަނީގެ 20 ޕަސެންޓް ހިއްސާވާ ސަރަހައްދެވެ. މިދިޔަ އަހަރު އެޕަލްގެ ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 265.6 ބިލިއަން ޑޮލަރެވެ.