މީރާ މެދުވެރިކޮށް މިދިޔަ މަހު 1.4 ބިލިއަން ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 65 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި މިންވަރަށް ވުރެ އެއް ޕަސެންޓް މަދު އަދަދެއް ކަމަށް ވިޔަސް، އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 4.5 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު ވެސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ވެސް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 630 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 43 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 352 މިލިއަން ރުފިޔާ ލިބުނެވެ.

މީރާއިން ބުނިގޮތުގައި ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ މަދުވީ ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ބައެއް ފަރާތްތަކުން އެ ފައިސާ ނުދެއްކުމެވެ.