މިލްކް މޭކަޕަކީ ކޯއްޗެއް؟

އަނެއްކާވެސް މިއޮތީ އާންމުކޮށް މި ބޭނުން ކުރާ މޭކަޕްގެ ކަލެކްޝަންތަކާ މުޅިން ތަފާތު ބްރޭންޑެއްގެ ވާހަކަ އެވެ. މިއީ މީގެ ތިން އަހަރު ކުރިން ތައާރަފުކުރި އެކަމަކު އެހާ ބޮޑަށް އާންމުންގެ ތެރޭގައި މަޝްހޫރު ނޫން ބްރޭންޑެއް ކަމަށްވާ "މިލްކް މޭކަޕް" އެވެ.


މިއީ އެމެރިކާގެ ލަސް ވެގަސް އާއި ނިޔު ޔޯކްގެ ފޮޓޯގްރަފީ ސްޓޫޑިއޯއެއް ކަމަށްވާ މިލްކަށް ނިސްބަތްވާ ބްރޭންޑެވެ.

"މިލްކް މޭކަޕް" ގެ އެންމެ ހާއްސަ ކަމަކީ ތިމާވެއްޓާ ރައްޓެހި އެއްޗަކަށްވުމެވެ. މާނައަކީ މި ބްރޭންޑްގެ އެއްވެސް އުފެއްދުމެއް ތައްޔާރުކުރަން ޖަނަވާރުންގެ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުވުމެވެ.

އެހެންވެ "މިލްކް މޭކަޕް" ސިފަކޮށްފައި ވަނީ "ކްލީން ބިއުޓީ" ގެ ގޮތުގަ އެވެ.

މިލްކް ސްޓޯޑިއޯ އިން ބުނި ގޮތުގައި "މިލްކް މޭކަޕް" އަކީ އާންމުކޮށް ބާޒާރުން ލިބެން ހުރި އެހެން މޭކަޕް ސާމާނުތައް އުފައްދަން ތައްޔާރު ކުރަން ބޭނުން ކުރާ މާމުއި އާއި ބީސްވެކްސް އަދި ޖެލެޓިން ފަދަ މާއްދާއެއް ބޭނުން ނުކޮށް ތައްޔާރުކޮށްފައިވާ ކަލެކްޝަނެކެވެ.

"މިލްކް މޭކަޕް" ގެ ކަލެކްޝަނުން މިހާރު އެންމެ ހިނގާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކުޝް ހައި ވޮލިއުމް މަސްކާރާއި ބްލާ ސްޓިކް ޕްރައިމާގެ އިތުރުން ބްލާ ލިކުއިޑް މޭޓް ފައުންޑޭޝަނެވެ.

މިލްކް ސްޓޯޑިއޯ އިން ބުނި ގޮތުގައި އެ މީހުންގެ ކަލެކްޝަން އޮންލައިންކޮށް ގަންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަނުންނެވެ. އަދި "މިލްކް މޭކަޕް" މި މަހުގެ 28 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ރަސްމީކޮށް ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ކުރިން މި މަހުގެ 26 އާއި 27 ވަނަ ދުވަހު ލަންޑަނުގެ ކޮވެންޓް ގާޑަންގައި ހާއްސަ ޕޮޕް-އަޕް އިވެންޓެއް ބާއްވާނެ އެވެ.

މި ބްރޭންޑަށް ހާއްސަ ޔޫޓިއުބް ޓިއުޓޯރިއަލްއެއް ވެސް ކަސްޓަމަރުންގެ ފަސޭހަކައަކަށް ވަނީ ތައާރަފުކޮށްފަ އެވެ.

"މިލްކް މޭކަޕް" އެއް މޭސްތިރިޔާ ރޮބަޓްސް ރަސީ ބުނި ގޮތުގައި އެ މީހުންގެ ބްރޭންޑަށް މިހާރު އަންނަނީ ހީނުކުރާ ވަރުގެ ތަރުހީބެއް ލިބެމުންނެވެ.

"މިއީ ހަގީގަތުގައި ޖަނަވާރުންނާއި އެ ނޫން ވެސް ދިރޭ ސޫފާސޫފިތަކުގެ ހިމާޔަތުގައި ވެސް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި އަހަރެމެން ދެކެނީ،" އޭނާ ބުންޏެވެ. "އަހަރެމެންގެ ޕްރޮޑަކްޓްތަކުގެ ތަރުހީބު ބޮޑަވަމުން އައުމަކީ ވީޖަން ޕްރެންޑްލީ އުފެއްދުންތަކަށް މިހާރު ދުނިޔެ ވަރަށް ބޮޑަށް ލޯ ހުޅުވެމުން އަންނަކަން ވެސް ދައްކުވައިދޭ ކަމެއް."